ވިކްޓޯރިއާ (މާޗް 25): ސީޝެލްސްގެ ރަށެއްގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން ދެ ގައުމުން ހެދި 550 މިލިއަން ޑޮލަރުގެ އެއްބަސްވުމަށް ރުހުން ނުދޭނެ ކަމަށް ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުން ބުނެފި އެވެ.

ސީޝެލްސްގެ އެޒަމްޕްޝަން ރަށުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން ދެގައުމުން އެއްބަސްވީ 2015 ވަނަ އަހަރެވެ. ނަމަވެސް އެއެއްބަސްވުމުގެ ފައިނަލައިޒް ކުރީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އޭއެފްޕީގައިވާ ގޮތުން އިންޑިއާ އިން ސީޝޭލްސްގައި އެމަރުކަޒު އަޅަނީ ދެކުނު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އިންޑިއާގެ އުޅަނދުތަކުގެ ސަލާމަތަށް ޓަކަ އެވެ. އަދި އެމަރުކަޒުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވެ، ސީޝެލްސްގެ ސިފައިން ތަމްރީނު ކުރަމުން ދާނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް ސީޝެލްސްގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ އެއްބަސްވުމަށް ރުހުން ނުދޭނެ ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން ސީޝޭލްސްގެ ރައީސް ޑެނީ ފޯރީ ވަނީ އިދިކޮޅު ޕާޓީގެ ލީޑަރު ވަވެލް ރަމްކަލަވަންއާ މާދަމާ ބައްދަލު ކުރައްވައި، އެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސީޝެލްސްގެ ސަރުކާރުން ވަނީ އެ މަރުކަޒު އެޅުމުން އެގައުމުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ޕެޓްރޯލް ކުރުމަށް ކޯސްޓުގާޑަށް ފަސޭހަ ވާނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން ސީޝެލްގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކަނޑު ފޭރުން ހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިންޑިއާ ސިފައިން ސީޝެލްސްއަށް ދިޔުމަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައެކެވެ. އެގޮތުން އިންޑިއާ މީހުންގެ ސަބަބުން އެގައުމުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ މިންވަރު މަދުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެހެން ފަރާތްތަކުން ވަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ސީޝެލްސްގައި އެޅުމަކީ ގައުމުގެ އިސްތިގުލާލަށް ނުރައްކާވާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، އެޒަމްޕްޝަން އައިލެންޑް އޮންނަނީ ޔުނެސްކޯއިން ރައްކާތެރިކޮށްފައިވާ އަލްޑަބްރާ އަތޮޅު ކައިރީގައިކަން ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެ އެވެ. އެއަތޮޅަކީ ޖަޔަންޓް ޓޯޓޮއިސްގެ އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ހަތް ކިލޯ މީޓަރު ދިގު އެޒަމްޕްޝަން އައިލެންޑަކީ ވަރަށް ކުޑަ އާބާދީއަކާއި ކުޑަ އެއާސްރިޕެއް އޮންނަ ރަށެކެވެ. ނަމަވެސް އެރަށް އޮންނަނީ މޮޒަމްބީކް ޗެނަލް އިން ކުރާ ދަތުރުފަތުރު މޮނިޓާ ކުރުމަށް ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިއްމު ސަރަހައްދެއްގަ އެވެ. (އޭއެފްޕީ)