ސައުތު އޭޝިއާގެ ގައުމުތަކާ އެކު ޗައިނާ އިން ގުޅުން ބަދަހިކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޑިއާ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު ގޯތަމް ބަމްބަވާލޭ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ގޯތަމް ވިދާޅުވީ ޗައިނާ އާ އެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ސައުތު އޭޝިއާގެ އެހެން ގައުމުތަކަށް ވެސް އޮންނާނެ ކަމަށެވެ.

އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަކުރާ ކަމަށް ބުނެ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މީޑިއާގައި ވާހަކަ ދައްކަވައި، ނުރުހުން ފާޅުކޮށްފަ އެވެ.

ނަމަވެސް އިންޑިއާ އިން ޗައިނާ އަށް ކަނޑައަޅާފައި ހުންވާ ސަފީރު ވިދާޅުވީ ސައުތު އެޝިއާގެ ގައުމުތަކާ އެކު އިންޑިއާ އިން ބާއްވަނީ ގާތް ގުޅުމެއް ކަމަށެވެ. ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮތީ ޒަމާންވީ ގާތް، ޚާއްސަ ގުޅުމެއް ކަމަށާއި ސަރުކާރުގެ އިތުރުން ރައްޔިތުންގެ މެދުގައި ވެސް އޮތީ ގާތް ގުޅުމެއް ކަމަށެވެ.

"ރާއްޖެ އާއި ނޭޕާލް އަދި ލަންކާގައި ވެސް އިންޑިއާ އިން ދަނީ ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަމުން،" ގޯތަމް ވިދާޅުވި އެވެ.

ގޯތަމް ވިދާޅުވީ ސަރަހައްދުގެ ގައުމުތަކާ އެކު ޗައިނާ އިން ގުޅުން ބަދަހިކުރާތީ އިންޑިއާ އިން ކަންބޮޑުނުވާ ކަމަށެވެ.

"އިންޑިއާ އާ އެކު ސަރަހައްދުގެ ގައުމުތަކުން ބާއްވާ ގުޅުމަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އަބަދު ވެސް އޮވޭ. އެހެންވީމާ އެ ގައުމުތަކުން ޗައިނާ އާ އެކު ގުޅުން ބަދަހި ކުރުމަކީ މައްސަލައެއް ނޫން،"

ގޯތަމް ވިދާޅުވީ ޗައިނާ އަކީ ދުޝްމަނެއް ނޫން ކަމަށާއި ތަރައްގީގެ ބައިވެރިއެއް ކަމަށެވެ.

އިންޑިއާ އާއި ޗައިނާ އާ ދެމެދު އޮތް ގުލުމުގެ ވަރުގަދަކަމުގެ މިސާލެއްގެ ގޮތުގައި ގޯތަމް ފާހަގަ ކުރެއްވީ ދެގައުމުގެ މެދުގައި ހުސްވި އަހަރުކޮށްފައިވާ 84.5 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމުތަކަށް ޗައިނާ އިން ލިބޭ ސަޕޯޓު ވެސް ގޯތަމް ފާހަގަ ކުރެއްވި އެވެ.

އެމެރިކާ އާއި ޗައިނާ އަދި އޮސްޓްރޭލިއާ އާއި ޖަޕާނު ގުޅިގެން ޖަމްއިއްޔާއެއް އުފެއްދުމަށް ތައްޔާރުވަމުންދާއިރު އެ ޖަމްއިއްޔާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލު ކުރުމުން ގޯތަމް ވިދާޅުވީ ޖަމްއިއްޔާ އެއްގައި ބައިވެރިވާވަރަށް ވުރެ އިންޑިއާ އަކީ ބޮޑު ގައުމެއް ކަމަށެވެ.

އިންޑިއާ އިން އަބަދު ވެސް މަސައްކަތް ކުރާނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށް ގޯތަމް ވިދާޅުވި އެވެ. ޗައިނާ އަކީ ބައިނަލްއަގުވާމީ މައިދާނުގަައި ވެސް ގާތް ބައިވެރިއެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ކައުންޓާ ޓެރަރިޒަމް އަދި ތިމާވެށީގެ ކަންކަމުގެ ދެގައުމު ގުޅިގެން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އެތައް ގަރުނެއް ކުރިން ވެސް އިންޑިއާ އާއި ޗައިނާ އަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ބާރުގަދަ ދެ ގައުމު ކަމަށާއި މިއަދު ވެސް ގްލޯބަލް އިކޮނޮމީގައި އެންމެ ވަރުގަދަ ދެ އިގްތިސާދަކީ އެ ދެގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.