ތެހެރާން (މާޗް 25) : އީރާނާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތު ދުވަހެއް ދުވަހަކަށް ހަރުކަށިކުރަމުން ގެންދާ ކަމަށާއި އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ސޮއިކޮށްފައިވާ އެގްރިމެންޓް އުވާލުމަށް ވެސް އެމެރިކާ މަސައްކަތް ކުރަމުން ގެންދާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޕާލަމެންޓްގެ އަމަނާ އަދި ޚާރިޖީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީގެ ރައީސް އަލާއުއްދީން ބްރޫޖަރްދީ ވިދާޅުވީ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސެއް ކަމަށްވާ ޖޯޖްޑަބްލިޔުބުޝްގެ ވެރިކަމުގައި އެމެރިކާ އިން އީރާނާ ދިމާކޮށް ބިރުދައްކަމުން ގެންދިޔަގޮތަށް އަލުން އީރާނަށް އެބިރުތައް ދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތެއް ޓްރަމްޕްގެ ސަރުކާރުން ގެންގުޅެންފަށާފައިވާ ކަމުގަ އެވެ.

މިހަރުކަށި ސިޔާސަތު އަލުން ތަންފީޒުކުރުމަށް ޓަކައި ބުޝްގެ ސަރުކާރުގެ އިސް މަގާމުތަކަށް ހަރުކަށި މީހުން ގެނަސް އެކަމަށް ތައްޔާރުވަމުންދާ ކަމަށް ބްރޫޖަރްދީ ވިދާޅުވި އެވެ. ތެހެރާންގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ބްރޫޖަރްދީ ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހަރުކަށި ބޭފުޅެއްކަމަށްވާ މައިކްޕޮންޕިޔޯ ގެނައުމާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުކަމުގެ މަގާމަށް ވެސް ހަރުކަށި ބޭފުޅެއްކަމަށްވާ ޖޯން ބޯލްޓަން އިޚްތިޔާރުކުރުމާއި ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވާނެކަމުގެ އިންޒާރުތައް ޓްރަމްޕް ދެއްވަމުން ގެންދެވުމަކީ އީރާނާ އުދުވާނީ ގޮތުން ދިމާކުރުމުގެ ސިޔާސަތެއް އަނެއްކާ ވެސް އެމެރިކާ ގެންގުޅެން ފަށާފައިވާ ކަމުގެ ހެކިތައް ކަމުގަ އެވެ.

އެމެރިކާގެ މިހަރުކަށިކަމާ ކުރިމަތިލުމަށް ޓަކައި އީރާނުން ރަޝިޔާއާއި ޗައިނާއާ މިހާރަށް ވުރެ ބޮޑަށް ގާތްވެ އެދެގައުމާ އެކު ސްޓްރެޓީޖިކް ގުޅުންތަކެއް އުފެއްދުމުގެ ނިންމުންތަކެއް އީރާނުގެ ޚާރިޖީ ވުޒާރާއާއި ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވަރަށް އަވަހަށް ނިންމާނެ ކަމަށް ބްރޫޖަރްދީ ވިދާޅުވި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމަށް ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށްވާ ޖޯން ބޯލްޓަން އައްޔަން ކުރުމަށް ޓްރަމްޕް ނިންމެވުމުން އެމެރިކާގެ މެދުމިނުގެ ސިޔާސީ ފަރާތްތަކަށާއި ޔޫރަޕަށްވެސް ވަނީ ސިހުން ލިބިފަ އެވެ.

ބޯލްޓަންއަކީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާ އިސްލާމީ ގައުމުތަކާ ދެކޮޅަށް އިސްވެ ހަމަލާދީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ފާޅުގައި ގޮވާލައްވާފައިވާ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އަދި އޭނާއަކީ އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް އިސްވެ ހަމަލާދީ އެތަންތަން ހަލާކުކޮށްލުމަށާއި އީރާނުގެ ވެރިކަމުގެ ނިޒާމު ވެސް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. މީގެއިތުރުން ބޯލްޓަންއަކީ ރަޝިޔާއާ ވެސް ވަރަށް ދުޝްމަން ބޭފުޅެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުކަމަށް ބޯލްޓަން އައްޔަން ކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް އެޅި ފުރަތަމަ ފިޔަވަޅުކަމަށް މުރާސިލުން ސިފަކުރެ އެވެ.

އީރާނަކީ މިހާރު ވެސް ރަޝިޔާއާ ގާތްގުޅުންތަކެއް ގެންގުޅޭ ގައުމެކެވެ. މިގޮތުން އެމެރިކާ އާއި އިސްރާއީލުން މެދުއިރުމަތީގައި ހިންގާ ހަރުކަށި އަމަލުތަކާ ކުރިމަތިލުމަށް ޓަކައި ރަޝިޔާއާއި ތުރުކީއާ ގުޅިގެން އީރާން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިއީ ސްޓްރެޓީޖިކް ފެންވަރުގެ ގުޅުންތަކެއް ނޫނެވެ.

ސޫރިޔާގެ ހަނގުރާމައަކީ ވެސް ސޫރިޔާ ހަލާކުކޮށްލުމަށް ޔޫރަޕާއި ގަލްފުގެ ބައެއްގައުމުތަކާއެކު އެމެރިކާ އަޑީގައި އޮވެގެން ސޫރިޔާގެ އިދިކޮޅު ފަރާތްތަށް ލައްވައި ސޫރިޔާއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އެމެރިކާ ކުރުވާކަމެއްކަމަށް އީރާނުން ދެކެ އެވެ. އަދި އައިއެސް އަކީ ވެސް މެދުއިރުމައްޗަށް ވަދެގަތުމަށާއި އިސްލާމީ ގައުމުތަށް ހަލާކުކުރުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ރޭވި ރޭވުންތަކެއްގެ ތެރެއިން އުފަންވި ޖަމާއަތެއްކަމަށް އީރާނުން ބުނެ އެވެ. ނަމަވެސް އީރާނުގެ މި ތުހުމަތުތަކަށް އެމެރިކާ އިންކާރުކުރެ އެވެ.

އެމެރިކާ މިދިޔަ ހުކުރު ދުވަހު ވަނީ އީރާނުން ސައިބަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގެ ސިއްރު އެތަށް މައުލޫމާތެއް ހޯދިކަމަށް ތުހުމަތުކޮށް އީރާނުގެ ބައެއް މުއައްސަސާތަކަށާއި ބައެއް ކުންފުނިތަކަށާ އަދި ބައެއް ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން އިޢްލާންކޮށްފަ އެވެ.

އެމެރިކާ ސަރުކާރު ހަރުކަށި މީހުންގެ އަތްމައްޗަށް އަރަމުންދާ އިރު ކުރިޔަށް އޮތީ އެމެރިކާގެ ފަރާތުން އީރާނަށް ބޮޑެތި ގޯނާތަކެއް ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް އީރާނުން ދެކެއެވެ. މިކަމާ ކުރިމަތިލުމަށް ޓަކައި އީރާނުގެ ސިޔާސަތުތަކަށް ކުރިޔަށްއޮތްތަނުގައި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އީރާނުގެ ޕާލަމެންޓްގެ އަމަނާ އަދި ޚާރިޖީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީގެ ރައީސް އަލާއުއްދީން ބްރޫޖަރްދީ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)