27 Aug 2011, 09:52
ޓޯކިޔޯ (އޮގަސްޓް 27) : ޖަޕާނުގެ ބޮޑުވަޒީރު ނާވްތޫ ކާން ވެރިކަންކުރާ ޕާޓީގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. ވެރިކަންކުރާ ޕާޓީގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަކީ ބޮޑުވަޒީރު ކަމުގެ މަޤާމުން ވެސް އިސްތިއުފާ ދެއްވުމެވެ. އެއީ ބޮޑުވަޒީރަކަށް ހުންނަވާނީ ވެރިކަން ކުރާ ޕާޓީގެ ރައީސް ކަމަށްވާތީ އެވެ.
ޖަޕާންގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ބުނީ ޕާޓީގެ ވެރިކަމަށް މާދަމާ ބޭފުޅަކު އިންތިޚާބު ކުރާނެ ކަމަށާ ޤައުމުގެ އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އިންތިޚާބުކުރެވޭ ބޭފުޅާ ކަމުގަ އެވެ. ނާވްތޫ ކާން އިސްތިއުފާ ދެއްވީ އޭނާގެ މަޤްބޫލުކަން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ޚިޔާލުފާޅުކުރުމުގެ ސަވޭތަކުން ހާމަވެފައި ވަނިކޮށެވެ.
ކިޔޮޑޯ ނޫސް އެޖެންސީ ބުނާގޮތުން ކާން ގެ މަޤްބޫލުކަން މިހާރު ވަނީ 16 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ޖަޕާނަށް ކުރިމަތިވި ބިންހެލުމުގެ ކާރިޘާއާ ކުރިމަތިލުމުގައި ކާން ގެ ސަރުކާރުން ނުކުޅެދިފައިވާ ކަމަށްބުނެ އޭނާގެ ސަރުކާރަށްވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. (ކިޔޮޑޯ ނޫސް އެޖެންސީ)