ކޮލަމްބޯ (މާޗް 25): ސްރީ ލަންކާގެ ކެންޑީގައި މިމަހު މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ފުލުހުންނާއި ސިޔާސީ ފަރާތްތަކުން ބައިވެރިވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފި އެވެ.

ލަންކާގައި ހަމަނުޖެހުންތައް ފެށުނީ ކެންޑީ ޑިސްޓުރިކްޓުގެ ތެލެދޭނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، މިމަހުގެ ދެވަނަ ދުވަހު ބުދުދީނުގެ މީހަކު މަރުވުމުންނެވެ.

އޭގެ ފަހު ދުވަހު ބުދު ދީނުގެ ބަޔަކު ވަނީ ކެންޑީގެ މުސްލިމުން ދިރިއުޅޭ ގެތަކަށާއި މިސްކިތްތަކަށް ހަމަލާދީފަ އެވެ. އަދި އެހަމަލާ ދިން މީހުންނަށް ފުލުހުން ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް)ގެ މެމްބަރުން އެހީވާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ރޮއިޓާސްއިން ބުންޏެވެ.

ކެންޑީގައި ހިނގި ހަމަނުޖެހުންތަކުގައި ރޯކޮށްލި ގެއެއް ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭއެފްޕީ

އެނޫހުގައިވާ ގޮތުން ކެންޑީގެ ޑިގާނާގައި ހުންނަ ނޫރު ޖުއްމާ މިސްކިތަކީ ފުލުހުން އާއްމުކޮށް ވަށާލައިގެން ތިބޭ ސަރަހައްދެކެވެ. ނަމަވެސް އެމިސްކިތަށް ބަޔަކު ހަމަލާ ދިން ދުވަހު، އެސަރަހައްދަށް އެމީހުން ވެއްދީ ފުލުހުންނެވެ. އަދި ލަންކާގެ އިދިކޮޅު ޕާޓީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ މެމްބަރެއް ކަމަށްވާ ސަމަންތާ ޕެރޭރާ އެމީހުންނާ ވާހަކަ ދައްކާ މަންޒަރު ވެސް ސީސީޓީވީ ފުޓެޖުން ފެންނަ ކަމަށް ރޮއިޓާސްގައިވެ އެވެ.

އެމީހުން ދެން ފެންނަނީ މިސްކިތުގެ ބޭރުގައި ހުންނަ ސީސީޓީވީ ކެމެރާތަކަށް ނާރާ ގޮތަށް، މިސްކިތުގެ ފަހަތުން އައިސް، މިސްކިތުގެ ތެރެއަށް ޕެޓްރޯލް ބޮމެއް އެއްލާ މަންޒަރެވެ. އެވަގުތު މިސްކިތް ކައިރީ ހުރި މީހެއް ކަމަށްވާ މުހައްމަދު ނިޔާޝް ޚާން ވަނީ އެމީހުން މުސްލިމުންނަށް އަނިޔާކޮށް، ހަތިމްތައް އެންދި ކަމަށް ބުނެފަ އެވެ.

އަދި މިސްކިތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފުލުހުން އެދުވަހު ހެނދުނު އެސަރަހައްދުގައި ތިބި ނަމަވެސް ހަމަލާ ދިން ވަގުތު އެމީހުން ފެންނާކަށް ނެތް ކަމަށް ނިޔާޝް ޚާން ބުންޏެވެ.

ޕެރޭރާ ވަނީ އެފުޓެޖުން ފެންނަނީ އޭނާ ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ މަސައްކަތް ކުރީ ހަމަނުޖެހުން ހުއްޓުވަން ކަމަށް ބުނެފަ އެވެ.

ނަމަވެސް ލަންކާގެ ކެބިނެޓުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ޕެރޭރާގެ މައްޗަށް ވަނީ މުސްލިމުން ހިންގާ ފިހާރަތަކަށާއި މިސްކިތްތަކަށް ގާ އުކި ކަމުގެ ތުހުމަތުކޮށްފަ އެވެ.

ލަންކާގެ ކެންޑީގައި ހިނގި ހަމަނުޖެހުންތަކުގައި ބުދިސްޓުން ވަނީ މުސްލިމުންގެ ގެތަކާއި މިސްކިތްތަކުގައި ރޯކޮށްފައި -- ފޮޓޯ: އީޕީއޭ

މީގެ އިތުރުން އެސްޓީއެފްގެ ފުލުހުން ވަނީ ޑިގާނާގައި ހުންނަ އެހެން މިސްކިތެއްގައި ތިބި މުސްލިމުންނަށް ވެސް ހަމަލާ ދީފައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި ދެ ދީނީ އިލްމުވެރިއަކަށް އެސްޓީއެފްގެ ފުލުހުން ހަމަލާ ދޭ މަންޒަރު ސީސީޓީވީ ފުޓެޖުން ފެންނަކަމަށާއި ބުދިސްޓުންގެ ބަޔަކު ވެސް ވަނީ އެމަންޒަރު ފެނުނު ކަމަށް ބުނެފައި ކަމަށް ރޮއިޓާސްގައިވެ އެވެ.

އެތުހުމަތުތަކާ ގުޅިގެން ރޮއިޓާސްއިން އެސްޓީއެފްއާ ސުވާލު ކުރުމުން ފުލުހުން ޖަވާބެއް ދީފައި ނުވާ ކަމަށް އެނޫހުގައިވެ އެވެ. ނަމަވެސް ލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓްރީން ވަނި މުސްލިމުންނަށް ދިން ހަަމލާތަކުގައި ފުލުހުން ބައިވެރިވި ކަމަށް ބުނާ ތުހުމަތުތައް ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

ފުލުހުން ވަނީ ކެންޑީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.