ގިނަ އަހަރުތަކެއް ވަންދެން ކެމެރާއަށް ފިލައިގެން އުޅުމަށްފަހު، ބޮލީވުޑްގެ ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ ފުރަތަމަ ފެނިގެން ދިޔަ ފިލްމު "ހިޗްކީ" އަށް ބޮލީވުޑް ބޮކްސްއޮފީހުގައި ރަނގަޅު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ސިދާރްތު މަލޯތުރާ ޑައިރެކްޓުކޮށް، ރާނީ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ 3.30 ކުރޯރުގެ އާމްދަނީއެއް ލިބިފައެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލައި، މި ހަފްތާ ބަންދުގައި އެ ފިލްމަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.

"ހިޗްކީ" ގެ ކުރިން ރާނީ ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މަރްދާނީ" އިންނެވެ. "މަރްދާނީ" އަށް ލިބުނު ވަރުގެ ކާމިޔާބެއް "ހިޗްކީ" އަށް ނުލިބުނު ނަމަވެސް، ރަނގަޅު އާމްދަނީއެއް އެ ފިލްމު ހޯދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.

ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީއަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފައެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެ އެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދޭނެ އެވެ.

ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ. "ހިޗްކީ" އަކީ ފެމެލީ ޑްރާމާ އެކެވެ.