އޮސްޓްރޭލިއާގެ ޕާތު އިން އިގިރޭސިވިލާތުގެ ލަންޑަނަށް 17 ގަޑިއިރުގެ ދަތުރެއްކޮށް، ހުއްޓާނުލާ އެ ރޫޓުން ކުރި އެންމެ ދިގު ދަތުރުގެ ރެކޯޑު ހަދައިފި އެވެ.

އެއްވެސް ޓްރާންސިޓެއް ނުކޮށް ޕާތުގެ އެއާޕޯޓުން ލަންޑަންގެ ހީތުރޯ އެއާޕޯޓަށް ކުރި ދަތުރުގެ ދިގު މިނަކީ 14،498 ކިލޯ މީޓަރެވެ. އެ ދަތުރު ކޮށްފައި ވަނީ އޮސްޓްރޭލިއާގެ ކުއާންޓާސް އެއާވޭސް އިންނެވެ.

އެ ދަތުރުގައި ބޭނުންކުރީ ބޯއިން 9-787ގެ ޑްރީމް ލައިނާ އެއާކްރާފްޓެކެވެ. މިއީ ބޯއިން 747 އަށް ވުރެ ދެބައިކުޅައެއްބައި ތެލުގެ ހަރަދު ކުޑައެއާކްރާފްޓެކެވެ.

މީގެ ކުރިން އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާ ދެމެދު ކުއާންޓާސް އިން ކުރާ ދަތުރުތަކުގައި ހަތް ތަނަކަށް ޓްރާންސިޓް ކުރެ އެވެ. ބައެއް ފަހަރު ހަތަރު ދުވަސް މި ދަތުރަށް ނަގަ އެވެ.

ކުއާންޓާސް އިން މި ކުރި ތާރީޚީ ދަތުރުގައި 200 ފަސިންޖަރުންނާއި 16 ކްރޫ މެންބަރުން ބައިވެރިވި އެވެ. ދަތުރުގެ ކަންތަކުގެ މައްޗަށް އިތުރު ސްޓަޑީއެއް ހެދުމަށް ފަސިންޖަރުންގެ ތަޖުރިބާ ސިޑްނީގެ ޔުނިވާސިޓީ އަކާ ހިއްސާ ކުރާނެ އެވެ.

މިހާތަނަށް ޓްރާންސިޓް އަކާ ނުލާ އެންމެ ދިގު ދަތުރު ކުރަނީ ގަތަރުގެ ދޯހާ އިން ނިއުޒިލޭންޑުގެ އޯކްލޭންޑަށެވެ. އެ ދަތުރުގެ ދިގުމިނަކީ 14،529 ކިލޯ މީޓަރެވެ. އަދި 14000 ކިލޯ މީޓަރަށް ނަން-ސްޓޮޕް ދަތުރުކުރާ އެއާލައިނުތަކުގެ ތެރޭގައި އެމިރޭޓްސް އާއި ޔުނައިޓެޑް އެއާ ލައިން ވެސް ހިމެނެ އެވެ.