27 Aug 2011, 09:44
ޣައްޒާ ސިޓީ (އޮގަސްޓް 26) : އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ޙަމަލާދީ ފަލަސްތީނުގެ 11 މީހަކު ޝަހީދު ކޮށްލުމަށްފަހު ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވެއްޖެ އެވެ.
ޣައްޒާގެ އަމްނާބެހޭ ދާއިރާތަކުން ބުނިގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވޭތުވެދިޔަ 48 ގަޑީއިރު ތެރޭގައި ދިންޙަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ޝަހީދު ކޮށްލާފައިވާއިރު އޭގެތެރޭގައި ގިނައީ ޢާންމުންނެވެ. އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އާންމުންގެ ގެދޮރަށާއި މަދަނީ އިންފްރާސްޓްރަކްޗަރަށް ކަމަށާއި މީގެތެރޭގައި ކުޅިވަރު ސްޓޭޑިޔަމް އެއްވެސް ހިމެނޭ ކަމަށް ޣައްޒާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.
އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައް ޣާއްޒާގެ ގަޑިން ރޭ 10 ޖެހުމުގެ ފަހުން ހުއްޓާލަން އިސްރާއީލު އެއްބަސްވެފައިވާ ކަމަށާއި ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވީ މިސްރުގެ އިންޒާރުތަކަކާ ގުޅިގެން ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތުންބުނެއެވެ.
މިދިޔަ ހަފްތާގައި އިސްރާއީލުގެ އީލާތުގައި ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކަކަށް ފަހު އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންވަނީ މިސްރުގެ ސަރަޙައްދަށް ގަދަބާރުންވަދެ މިސްރު ފުލުހުންގެ ފަސް މީހަކު ވެސް މަރާލާފައެވެ.
މިމައްސަލާގައި މިސްރުގެ ކިބަިއން އިސްރާއީލު މަޢާފަށް އެދުނު ނަމަވެސް މިސްރު ސަރުކާރުންވަނީ މިފަހަކަށް އައިސް އިސްރާއީލަށް ނުދޭފަދަ ހަރުކަށި އިންޒާރުތައް ދީފަ އެވެ. މިޢުދުވާނާ ގުޅިގެން މިސްރުގެ އެތަށްހާސްބަޔަކުވަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށް އިސްރާއީލާއެކު މިސްރުން ބާއްވާ ގުޅުންތައް ކަނޑާލައި އިސްރާއީލުގެ ސަފީރު މިސްރުން ބޭރުކޮށްލުމަށް ގޮވާލާފަ އެވެ. އަދި މުޒާހަރާކުރި މީހުން ޤާހިރާގައި ހުންނަ އިސްރާއީލުގެ އެންބަސީން އިސްރާއީލުގެ ދިދަބާލައި އެދިދަ އަންދާލުމަށް ފަހު އިސްރާއީލުގެ އެންބަސީގައި މިސްރުގެ ދިދަވެސް ނެގިއެވެ. މިސްރުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ހިންގި މިޙަރަކާތްތަކަށް މިސްރުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހުރަސްއަޅާފައިނުވާތީ އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އީލާތުގެ ޙަމަލާއަށްފަހު މިދިޔަ ހަފްތާގައ އިސްރާއީލުން ޣައްޒާއަށް ޙަމަލާތައްދީ ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށް 44 މީހަކު ޒަޚަމްކޮށްލުމަށްފަހު ޙަމާލާތައް ހުއްޓާލުމަށް މިދިޔަ ހަފްތާގެ ކުރީކޮޅު އިސްރާއީލުން އެއްބަސްވިއެވެ. ނަމަވެސް އެއަށްފަހު އެއްބަސްވުމާ ޚިލާފުވެ މިދިޔަ ބުރާސްފަތު ދުވަހު އިސްރާއީލުން ޣައްޒާއަށް ޙަމަލާތައްދީ ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލީއެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ އިސްތިޢްމާރީ ބާރަކަށްވާތީ ކޮންމެ ވަގުތަކުވެސް އިސްރާއީލަށް ފިދާއީ ޙަމަލާތައް ދިނުމުގެ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށް ފަލަސްތީނުގެ ޖަމާއަތަތްކުން ބުނެ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު، އިސްރާއީލުން ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގަ އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)