ސޯޝަލް މީޑިއާގެ ރަސްގެފާނު، ފޭސްބުކްގެ މައްޗަށްކޮށްފައިވާ ބޮޑެތި ތުހުމަތުތަކާ އެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގު ދަށަށް ހިނގައްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުން ފޭސްބުކްގެ ހިއްސާއެއްގެ އަގު 160 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ. މިއީ 2012 ވަނަ އަހަރުގެ ޖުލައި މަހަށް ފަހު، އެކުންފުނީގެ ހިއްސާގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޭމްބްރިޖް އެނެލެޓިކާ ޑާޓާ ސްކޭންޑަލް އަށް ފަހު ފޭސްބުކްގެ ހިއްސާގެ އަގު 13 ޕަސެންޓު ވެއްޓިފައިވާ އިރު، ފޭސްބުކްގެ ޗީފް އޮޕަރޭޓިން އޮފިސާ ޝެރީލް ސޭންޑްބާގް ވިދާޅުވީ ހިއްސާގެ އަގު ދަށަށް ދިޔަ ނަމަވެސް އެ ކުންފުނީގެ ހާސްކަމެއް ނެތް ކަމަށެވެ.

ނަމަވެސް ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގު ވެއްޓުމާ އެކު 75 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

#ޑިލީޓްފޭސްބުކްގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭސްބުކް އާ ދެކޮޅަށް ކެމްޕެއިނެއް ވެސް ހިންގަމުން އަންނަ އިރު، ފޭސްބުކްގެ އިސްވެރިން ވަނީ ކުރިމަތިވެގެން އުޅޭ މައްސަލައާ މެދު މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ފޭސްބުކް އާ ދެކޮޅާށް ގިނަ މައްސަލަތަކެއް ކޯޓުތަކަށް ހުށަހަޅާފައިވާ އިރު، ކުރިއަށް އޮތްތަނުގައި ވެސް ކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.