އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫން ހޯދައިފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ނ. އަތޮޅުން ބައިވެރިވެފައިވަނީ މާޅެންދުއާއި މަނަދޫ އެކަންޏެވެ. އެ ދެޓީމު މަނަދޫ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި މާޅެންދޫން މަނަދޫގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

އިއްޔެ މާޅެންދޫގައި ކުޅުނު މެޗު މަނަދޫން 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ އެއްވަރުވި ނަމަވެސް މާޅެންދުއަށް ޗެމްޕިއަންކަން ލިބުނީ އަވޭގައި ތިން ގޯލް ޖަހާފައިވުމުންނެވެ.

އިއްޔެ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ލީޑު ނެގީ މާޅެންދޫންނެވެ. އިބްރާހީމް ނިޔާޒްގެ ގޯލުން މާޅެންދޫން ލީޑު ނެގި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި މަނަދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މަނަދުއަށް އެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ޖޫދެވެ.

މެޗުގެ 86 ވަނަ މިނެޓުގައި އިބްރާހީމް ނައުފަލް ޖެހި ގޯލުން މަނަދޫން އުންމީދު އާކުރި ނަމަވެސް މާޅެންދޫން ވަނީ ނަތީޖާ ހިފަހައްޓައި ޗެމްޕިއަންކަން ޔަގީންކޮށްފައެވެ.

ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި މާޅެންދޫ ވަނީ ޒޯން ދޭއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. މާޅެންދުއާއެކު ދެން އެ ޒޯންގައި ވާދަކުރާނެ ޓީމަކީ ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދުއެވެ.