24 Mar 2018, 22:42
މުދާ އުފުލަން ކަނޑައެޅި ގަޑިތަކަށް އަމަލު ކުރުރުން ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ މާލެތެރޭ މުދާ އުފުލާ ގަވައިދަށް އަމަލު ކުރަން ފަށާނީ އޭޕްރީލް އެކަކުން ފެށިގެން ކަމަށެވެ.
މާލޭގެ ފިހާރަތަކަށާއި އެހެން ސަރަހައްދުތަކަށް އުފުލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލާނެ ގަޑިތައް ކަނޑައަޅައި އެ އޮތޯރިޓީ އިން މިމަހުގެ 22 ގައި ކުރި ި ބުނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު ދިހަޔަކުން ހެނދުނު ހަޔަކަށް ކަމަށެވެ.
އަދި ކައްކާ ގޭސް އުފުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު އަށަކުން ހެނދުނު ހަޔަކަށެވެ.
ނަމަވެސް އެ އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތީ ސްކޫލު ބަންދު ހަފްތާއަކަށްވެފައި، އާ ގަވައިދަށް އަމަލުކުރަން ވިޔަފާރިވެރިންނަށް ވަގުތު ދިނުމުގެ ގޮތުން މާލެތެރޭ މުދާ އުފުލުމަށް އަލަށް ކަނޑައެޅި ގަޑިތަކަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ކަމަށެވެ.
މާލެތެރޭ މުދާ އުފުލަން ގަޑިތަކެއް ކަނޑައެޅުމުން ވިޔަފާރިވެރިންނާއި އާންމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހާއްސަގޮތެއްގައި ފެނާއި ގޭސް ދުވާލުގެ ބޮޑު ބައެއްގައި ޑެލިވަރީ ނުކޮށްދޭނެތީ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ.
މުދާ އުފުލަން ވަކި ވަގުތަކެއް ކަނޑައެޅީ މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވާތީ ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.