އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ފަހެއްގެ ފައިނަލަށް ދ. އަތޮޅުގެ ޗެމްޕިއަން މީދުއާއި ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫ ދަތުރުކޮށްފިއެވެ.

އެ ދެޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ މިހާތަނަށް ޒޯމް ފަހެއްގެ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދުމުންނެވެ. އެ ޒޯންގައި ދެން ހިމެނޭ ވ. އަތޮޅުގެ ޗެމްޕިއަން ފުލިދުއާއި މ. އަތޮޅުގެ ޗެމްޕިއަން މުލިވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، ފައިނަލްގެ ކުރިން މީދުއާއި ނިލަންދޫ އަދި ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނެއެވެ.

ޒޯން ފަހެއްގެ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ވާދަކުރީ މީދުއާއި މުއްޔެވެ. މީދޫއިން މިއަދުގެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި ރިޝާދު މުހައްމަދު ކާމިޔާބުކުރި ގޯލާއެކު ފުރަތަމަ ލީޑު ނެގީ މުލިންނެވެ. އެހެން ނަމަވެސް ހާފް ނިމެންދަނިކޮށް މީދޫގެ އަހުމަދު މޫސާ ޖެހި ގޯލުން އެޓީމުވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި މީދުއަށް ލީޑު ނަގައިދިނީ ސުދީޝް މޫސާ ޖަހައދިން ގޯލުންނެވެ.

ޒޯން ފަހެއްގެ ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮތް އިރު، ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.