24 Mar 2018, 19:43
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި އެވެ. އޭނާގެ އިތުރުން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޕާސްޕޯޓް ވެސް ވަނީ މިއަދު ހިފަހައްޓައިފައެވެ.
އަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޑިޕާޗާ ގޭޓުގައި ހުންނަވަނިކޮށް ކަމަށެވެ.
އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު މީގެ ކުރީން އޭނާ ވަނީ ތަކުރާރުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތުހުމަތުކުރެވޭ މައްސަލައިގެ ބަޔާން ނަގާފައެވެ. އޭނާ އޭރު ފުލުސް އޮފީހަށް ހާޒިރު ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.