24 Mar 2018, 18:47
ފުލުުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯތަކެއް ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މިއަދު ދޫކޮށްލީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއިލެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، ހަސަން ހައްޔަރުކުރީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެވެ.
ހަސަން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑީއޯތަކެއް މީސް މީޑިއާގައި އާންމުކުރި މައްސަލާގައި ހަސަންގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވެސް ހައްޔަރުކުރި އެވެ.
އެ މައްސަލާގައި ވިސާމް އާއި އާމިރް އަދިވެސް ހައްޔަރުގައި ތިބިއިރު މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. އެ ދެމީހުންނަށް ޖެހި ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.