އަންނަ ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ކުރިން ޓީމުގެ އަސްލު ފެންވަރު ދައްކަން ބޭނުން ނުވާ ކަމަށް ޖަރުމަން ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯވް ބުނެފިއެވެ.

ޖަރުމަނު ގައުމީ ޓީމާއެކު ތިންވަނަ ވޯލްޑް ކަޕަކަށް ތައްޔާރުވަމުންދާ ލޯވްގެ ވޯލްޑް ކަޕް ރެކޯޑަކީ ވަރަށް ރަނގަޅު ރެކޯޑެކެވެ، 2010 ވަނަ އަހަރު ޖަރުމަނާއެކު ލޯވް ވަނީ ވޯލްޑް ކަޕްގެ ތިންވަނަ ހޯދައިފައެވެ. އަދި 2014 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދީފައެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް ޖަރުމަން ކުޅުނު އެކުވެރިކަމުގެ މެޗުން އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ ގަދަ ދެ ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސްޕެއިނާ ޖަރުމަނަކީ މިފަހަރު ވޯލްޑް ކަޕްގެވެސް ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމުތަކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލޯވް ބުނީ އެ މެޗަކީ ޓީމަށް ލިބުނު ރަނގަޅު ޓެސްޓެއް ކަމަށާއި މެޗުގައި ފެނިގެންދަޔައީ އެންމެ މަތީ ލެވެލްގެ ފުޓުބޯޅަ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލޯވް ވަނީ ސްޕެއިންގެ ކޮންބިނޭޝަން ފުޓުބޯޅައަށް ތައުރީފް ކޮށްފައެވެ.

"ފެންނާނެ މެޗުގެ ކުރީ ކޮޅުގައި ސްޕެއިން ކުޅުނު ކޮމްބިނޭޝަން ފުޓުބޯޅަ. ގިނަ ދުވަހު އެއްކޮށް ކުޅުނު ކުޅުންތެރިންވީމަ ހުރިހާ ކުޅުންތެރިންގެވެސް ވިސްނުން އެއްގޮތް،" ލޯވް ބުންޏެވެ.

ލޯވް ބުނީ އެ މެޗުގައި ދެޓީމުންވެސް ދެއްކީ އެންމެ ފުރިހަމަ އަދި އެންމެ މޮޅު ކުޅުން ނޫން ކަމަށާއި، ވޯލްޑް ކަޕެއް ކުރިމަތީގައި އޮށްވާ އެއްވެސް ޓީމަކުން ޓީމުގެ ފުރިހަމަ ހުނަރު ނުދައްކާނެ ކަމަށެވެ.

"ހެދުނު ގޯސްތައް ފެނުނު. އެކަންކަން ރަނގަޅު ކުރުމަށް ވިސްނާނަން. ދެޓީމުންވެސް ވޯލްޑް ކަޕްގައި ފެންނާނީ މިއަށްވުރެ މޮޅަށް. އެއީ ވޯލްޑް ކަޕެއް މިހާ ކައިރީގައި އޮށްވާ ނުކުޅޭނެ އެންމެ މޮޅަކަށް. ޖަރުމަނުންވެސް ވޯލްޑް ކަޕަށް ފެންނާނީ އަދި ތަފާތު ކުޅުމެއް،" ލޯވް ބުންޏެވެ.

ޖޫން މަހު ރަޝިއާގައި ފަށައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނު ހިމެނެނީ ގްރޫޕް އެފް ގައެވެ. އެ ގްރޫޕްގައި ޖަރުމަނުގެ އިތުރުން ހިމެނެނީ މެކްސިކޯއާއި ސްވިޑެން އަދި ސައުތު ކޮރެޔާއެވެ.