ފްރާންސް ޓީމުގައި ފުޓުބޯޅައިގެ މުހިއްމު އެއްޗެއް މަދުވާ ކަމަށް ކޯޗު ޑީޑިއާ ޑިޝޯމްޕްސް ބުނެފިއެވެ.

ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ކޮލަމްބިއާ އަތުން ފްރާންސް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުން ފްރާންސް ބަލިވި އިރު، އެޓީމުވަނީ 2-0ގެ ލީޑެއް ގެއްލުވާލައިފައެވެ.

ފްރާންސްގެ ކޯޗު ޑިޝޯމްޕްސް --- ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޑިޝޯމްޕްސް ބުނީ ފްރާންސަށްވުރެ ކޮލަމްބިއާ ފެނުނީ ހަރުކަށިކޮށް ކަމަށާއި، ފްރާންސް ޓީމުގައި މަދުވި އެއްޗަކީ އެއީ ކަމަށެވެ.

"ކޮލަމްބިއާ ފެނުނީ ވަރަށް ބޮޑަށް ހަރުކަށިކޮށް. ފްރާންސް އުޅުނީ މަޑުމަޑުން ކުޅެން. އޭގެ ސަބަބުން މެޗު އުނދަގޫވި. ކުޅުން ބޭނުންވި ސްޕީޑުގައި ނުކުވުނު،" ޑިޝޯމްޕްސް ފާހަގަކުރިއެވެ.

ޑިޝޯމްޕްސް ބުނީ ފްރާންސް ޓީމުގެ ކުޅުން ރޭގެ މެޗުގައި ފެނުނީ ފެންނަން ޖެހޭނެ ލެވެލްއެއްގައި ނޫން ކަމަށާއި، ވޯލްޑް ކަޕްގެ ކުރިން ޓީމުން ރަނގަޅަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ.

"ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭކޭ ނުބުނެވޭނެ. އެއީ ޓޮޕް ލެވެލްގައި ކުޅެން ޖެހޭނެ. ޓީމުން އެވަރަަށް ވިސްނުން ހުންނަން ޖެހޭނެ. ވޯލްޑް ކަޕަށް ނުކުންނައިރު ރަނގަޅު ކުރަން ޖެހޭ ކަންކަން މިއީ،" ޑިޝޯމްޕްސް ބުންޏެވެ.

ފްރާންސުން ކޮލަމްބިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އަންނަ ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އުންމީދު ބޮޑުކޮށް އޮތް ފްރާންސްގެ އިތުރުން ވޯލްޑް ކަޕް ކުޅޭ ހުރިހާ ގައުމަކުންވެސް މިހާރު ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކަށް ބޮޑު ސަމާލުކަމެއް ދޭކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް މި މެޗުތަކަކީ ވޯލްޑް ކަޕަށް ނުކުތުމުގެ ކުރިން ޓީމު ޓެސްޓް ކޮށްލަން ލިބޭ ރަނގަޅު ފުރުސަތުތަކެކެވެ.

ރޭގެ މެޗުގައި ފްރާންސްގެ ގޯލްތައް ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫއާއި ތޯމާސް ލެމާއެވެ. ކޮލަމްބިއާއަށް ފަހަތުން އަރައި ތިން ގޯލް ޖަހައިދިނީ ލުއިޒް މުރިއާލާއި ކެޕްޓަން ރެޑަމަލް ފަލްކާއޯގެ އިތުރުން ހުއާން ކުއެންޓޭރޯއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ފްރާންސްގެ އިތުރުން ދެން ހިމެނެނީ ޑެންމާކާއި ޕެރޫ އަދި އޮސްޓްރޭލިއާއެވެ. ކޮލަމްބިއާ ހިމެނެނީ ގްރޫޕް އެޗްގައެވެ. ކޮލަމްބިއާގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ ޖަޕާނާއި ޕޮލެންޑް އަދި ސެނެގާލެވެ.