ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ މުބާރާތެއްގައި ވާދަކުރުމަށް ސްކޮޑު އިއުލާންކޮށްފިއެވެ.

ރާއްޖެއިން ކުޅޭ ފުރަތަމަ އައިސީސީ މުބާރާތަކަށްވަނީ އަންނަ މަހު ކުވައިތުގައި ކުޅުމަށް ހަމަޖެހިފައިވާ " އައިސީސީ ވޯލްޑް ޓީ20"ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފަޔާސްއެވެ.

މި ރީޖަނުން ރާއްޖޭގެ ވާދަކުރަން ޖެހޭނީ، މުބާރާތް ބާއްވާ ގައުމު ކުވައިތުގެ އިތުރުން ބަހުރެއިންނާއި ސައުދީ އަރަބިޔާއާއެވެ. އަންނަ މަހު 20 އިން 27އަށް ކުވައިތުގައި ކުރިއަށްދާ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވޯލްޑް ކަޕްގެ ކޮލިފައިން ފައިނަލް ބުރަށް ކޮލިފައިވާނެއެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ޕްރެކްޓިސްތައް އިންޑޯގެ އިތުރުން އައުޓްޑޯގައިވެސް މިހާރު ކުރިއަށްދާއިރު، އަންނަ މަހުގެ ކުރީ ކޮޅުގައި ރާއްޖޭގެ ޓީމު ހާއްސަ ތަމްރީނުތަކަކަށް ލަންކާގައި ކޭމްޕް ކުރާނެއެވެ.

ލަންކާގައި ކުރާ ކޭމްޕްގައި އެގައުމުގެ ރަނގަޅު ފެންވަރު ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ގައުމީ ސްކޮޑު އިއުލާން ކުރުމަށް ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާގައި ޓީމުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވައިފައިވަނީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ރާއްޖެ ވާދަކުރާ ފުރަތަމަ އައިސީސީ މުބާރާތުގައި ޓީމުގެ ކެޕްޓަންކަން ކުރާނީ ހަސަން އިބްރާހީމެވެ. ބާރު އުކުންތެރިޔާ ހަސަނަކީ މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާގެ ކްލަބުތަކަށްވެސް ކުޅެފައެވެ.

އައިސީސީ ވޯލްޑް ޓީ20 އޭޝިއަން ސަބް ރީޖަން ކޮލިފަޔާސްއަށް ދާ ގައުމީ ކްރިކެޓް ސްކޮޑު:

  • ހަސަން އިބްރާހީމް (ކެޕްޓަން)
  • ހަސަން ހާޒިގު ރަޝީދު
  • އަބްދުﷲ ޝާހިދު
  • އާދަމް ނާސިފް އުމަރު
  • އިބްރާހީމް ނަޝާތު
  • މުހައްމަދު ޝާފީ
  • މިހުސަން ހާޝިމް
  • ޔޫސުފު އަޒްޔާން ފަރުހަތު
  • ނިލަންތަ ކޫލޭ
  • މުހައްމަދު ރިޝްވާން
  • އަހުމަދު އަމީލް
  • އިބްރާހީމް ރިޒާން
  • ޝަފްރާޒް ޖަލީލު
  • މުހައްމަދު އައްޒާމް