24 Mar 2018, 15:36
ޗައިނާގެ "ޓްރެވަލް އެންޑް ލެއިޝާ" މަޖައްލާއިން ހޮވި އެންމެ ހިތްގައިމު އަށް މަންޒިލުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
އެ މަޖައްލާއިން ޓްރެވަލް އެންޑް ލެއިޝާ އިންޑަސްޓްރީ އެވޯޑްސް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ހިތްގައިމު މަންޒިލުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމާ ގުޅިގެން ޚާއްސަ އެވޯޑެއް ދީފައިވެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޗައިނާގައި ހުންނަ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލްއެވެ.
ރާއްޖޭގެ އިތުރުން، ޓްރެވަލް އެންޑް ލެއިޝާ މެގަޒިންއިން އެންމެ ހިތްގައިމު މަންޒިލުތަކުގެ ލިސްޓުގައި ހިމަނާފައިވަނީ ސްވިޓްޒަލެންޑް، ކެނެޑާ، ފްރާންސް، އެމެރިކާ، އިނގިރޭސިވިލާތް، ފިންލެންޑް އަދި އުޒްބެކިސްތާނެވެ.
ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ މަދުވަމުންނެވެ. އަދި މަހުން މަހަށް ބަލާއިރުވެސް އެ އަދަދު ދިޔައީ މަދުވަމުންނެވެ.
އެހެން ނަމަވެސް ނިމިދިޔަ ފެބްރުއަރީ މަހު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ، މިއަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 38 ޕަސަންޓު އިތުރުވެފައެވެ.
ފެބްރުއަރީ މަހު ޗައިނާގެ 33،506 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވެއެވެ.