24 Mar 2018, 18:19
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުުޣާންގެ އަބުރަށް ހުތުރުވާގޮތަށް ލަވައިގެ ޅެން ބަދަލުކޮށްގެން ލަވަކީ އެގައުމުގެ އަންހެން ލަވަކިޔުންތެރިޔަކު 10 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ތުރުކީގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޒުހަލް އޮލްކޭ ކީ ލަވައެއްގެ ވީޑިއޯ އާންމު ވެފައިވާއިރު އެ ވީޑިއޯ އިން އިވެނީ ލަވައިގެ ޅެމުގެ ބައެއް ބަދަލުކޮށް އުރުދުޣާންގެ ނަން ޅެމުގައި ހިމަނައިގެން ކިޔާތަނެވެ. އެކަމާ ގުޅިގެން ޒުހަލް ބުނީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ.
ލަވައިގައި އުރުދުޣާންގެ ނަން ބޭނުންކުރީ ލިރިކްސް އާ ގުޅޭތީ ކަމަށާއި އެއްވެސް ހާލެއްގައި އުރުދުޣާންގެ އަށް އިހްތިރާމު ކުޑަކުރުމަށް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ދެހާސްސޯޅަ ވަނަ އަހަރު ހިނގި މި ހާދިސާ އާއި ގުޅިގެން ޒުހަލް އަށް 10 މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު މީގެ ކުރިން ދެހާސް ޑޮލަރަށް ވުރެ ބޮޑު އަދަދަކުން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭނާގެ މައްޗަށް އެ ޖޫރިމަނާ އަކީ އާންމު ތަނެއްގައި މަސައްކަތް ކުރާ މީހަކަށް ބަދުބަސްބުނެ އޭނާ އަށް އިހުތިރާމު ނުކުރުމުންނެވެ.
ތުރުކީގައި ރައީސްގެ އަބުރަށް ހުތުރުވާގޮތަށް އަމަލެއް ކޮށްފިނަމަ ގިނަވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.