24 Mar 2018, 18:50
ޕެރިސް (މާޗް 24): ފްރާންސުގެ ސުޕަމާކެޓެއްގައި އިއްޔެ ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކުރި ޕޮލިސް އޮފިސަރު މަރުވެއްޖެއެވެ.
ލެފްޓެނެންޓް ކާނަލް އާނޯ ބެލްޓްރާމް މަރުވެފައި ވަނީ "ބަތަލެއްގެ ގޮތުގައި" ކަމަށާއި އޭނާ ވަނީ އާދަޔާހިލާފު ހިތްވަރު ދައްކާފައި ކަމަށް ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވިއެވެ.
ބެލްޓްރޭމް ޒަހަމްވީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިއެއް ކަމަށް ބުނި ރެޑުއަން ލަކްދީމް ދިން ހަމަލާއެއްގެ ސަބަބުންނެވެ.
އިއްޔެ 25 އަހަރުގެ ލަކްދީމް ފުރަތަމަ ހަމަލާ ދިނީ ކާރެއްގައި ތިބި ދެ މީހަކަށެވެ. އެހަމަލާގައި ކާރުގައި އިން ފަސިންޖަރު މަރުވެ، ޑްރައިވަރަށް އަނިޔާވިއެވެ. އެއަށްފަހު އޭނާ ވަނީ ފުލުސް މީހަކު ޒަހަމް ކޮށްލުމަށްފަހު ސުޕަމާކެޓެއް ތެރެއަށް ވަދެފައެވެ. އަދި ސުޕަމާކެޓު ތެރެއިންވެސް ދެ މީހަކު މަރާލުމަށްފަހު އެތަނުގައި ތިބި މީހުން ރަހީނުކޮށްފައެވެ.

އައިއެސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނާ ރެޑުއަން ލަކްދީމް ވަނީ އިއްޔެ ފްރާންސުގެ ތިން މީހަކު މަރާލާފައި -- ފޮޓޯ: އޭއެފްޕީ
އެވަގުތު އޭނާ ވަނީ، އޭނާއަކީ އައިއެސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ، ފްރާންސަށް 2015 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވި ސަލާހް އަބްދުއްސަލާމް ދޫކޮށްލުމަށް ޝަރުތުކޮށްފައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
ލަކްދީމް ފުރަތަމަ ރަހީނުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މާގިނަ އިރުތަކެއް ނުވެ ސަލާމަތްކޮށްފައެވެ. ނަމަވެސް އެއް އަންހެނަކު ދޫކޮށްލަން ލަކްދީމް ދެކޮޅު ހެދުމުން، ބެލްޓްރާމް ވަނީ އަންހެން މީހާގެ ބަދަލުގައި އޭނާ ރަހީނުކޮށްފައި ބެހެއްޓުމަށް އެދިފައެވެ.
ބެލްޓްރޭމް ސުޕަމާކެޓު ތެރެއަށް ވަނުމާއެކު ބަޑި ޖަހާ އަޑު އިވުނެވެ. އޭގެ ސަބަބުން ފުލުހުން ވަނީ ސުޕަމާކެޓު ތެރެއަށް ވަދެ ލަކްދީމް މަރާލާފައެވެ. އޭރު ބެލްޓްރާމްއަށް ވަނީ އަނިޔާވެފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެހަމަލާއާ ގުޅިގެން ފްރާންސުގެ ފުލުހުން ވަނީ މިހާތަނަށް އެކަކު ހައްޔަރުކޮށްފައެވެ. (ބީބީސީ)