24 Mar 2018, 13:26
ބައިނަލްއަގުވާމީ ޑިޖިޓަލް މިއުޒިކް ސާވިސް "ޔޮންޑަރ މިއުޒިކް"ގެ ޚިދުމަތް ހުއްޓާލައިފިއެވެ.
ޔޮންޑަރ މިއުޒިކްގެ ޚިދުމަތް ރާއްޖޭގައި ދެނީ ދިރާގުއާ ގުޅިގެންނެވެ.
ޔޮންޑަރ މިއުޒިކްއިން ބުނެފައިވާ ގޮތުގައި، ޔޮންޑަރގެ ޚިދުމަތް ހުއްޓާލާފައިވަނީ އިއްޔެއެވެ. ޔޮންޑަރގެ ޚިދުމަތް ދޭ ހުރިހާ ގައުމަކުންވެސް އެ ޚިދުމަތް ހުއްޓަލާފައިވާ ކަމަށް ޔޮންޑަރއިން ބުންޏެވެ. ޔޮންޑަރއިން އެ ޚިދުމަތް ދެނީ ރާއްޖޭގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާ، އިންޑޮނޭޝިއާ އަދި މެލޭޝިއާގައެވެ.
ދިރާގާ ގުޅިގެން ރާއްޖެއަށް ޔޮންޑަރ މިއުޒިކް ތައާރަފުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ދިރާގުން ބުނީ، ޔޮންޑަރ ޚިދުމަތް ހުރިހާ ގައުމަކަށްވެސް ހުއްޓާލުމާ އެކު، ރާއްޖޭގައިވެސް އެ ޚިދުމަތް ބޭނުންކޮށްގެން މިއުޒިކް ސްޓްރީމް ނުކުރެވޭނެ ކަމަށެވެ.
"މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދެން. އަޅުގަނޑުމެން މި ދަނީ ޑިޖިޓަލް ކޮންޓެންޓާއި މުނިފޫހިފިލުވުމުގެ އެހެނިހެން އޮޕްޝަންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން،" ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ރާއްޖޭގައި ޔޮންޑަރ މިއުޒިކްގެ ޚިދުމަތް ތައާރަފުކުރި ރަސްމިއްޔާތުގައި، ޔޮންޑަރގެ ސީއީއޯ އެޑަމް ކިޑްރޮން ވަނީ، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ރެކޯޑިންގް ސްޓޫޑިއޯއެއްވެސް ހުޅުވަން ޔޮންޑަރއިން ނިންމާފައިވާ ކަމާށް ވިދާޅުވެފައެވެ.