24 Mar 2018, 12:38
މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ ބަޑި މުބާރާތް ފަށައިފި އެވެ.
މޭޖާ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.
ބަޑި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މިއަދު ގިރިފުށީގައި މުބާރާތް ފެށުމުގެ ގޮތުން ބަޑި ޖެއްސެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.
އެ މުބާރާތް އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. އެ މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފަ އެވެ.
ބަޑިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވާހަކަ ދައްކަވައިފަ އެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަމާއި ސިފައިންގެ ބަދަހި ލަޝްކަރުން ގައުމަށް ފޯރުކޮށްދެމުންދާ އިޚްލާސްތެރި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވައި ލެއްވި އެވެ.