ރާއްޖޭގައި ގާއިމުކުރި މަލްޓިސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މާލެއިން ދާ ބަލިމީހުންނަށް ހިލޭ ދަތުުރު ފަތުރުގެ ކަންތައް ހަމަޖައްސައިދޭން ފަށައިފިއެވެ.

ޓްރީޓޮޕް އިން ބުނީ އެ ހޮސްޕިޓަލުގެ "ގެސްޓުންނަށް" ހާޢްސަ ފެރީ ޓްރާންސްފާގެ ހިދުމަތް މިހާރު ލިބޭނެ ކަމަށާއި ގެސްޓުގެ އިތުރުން އެހީތެރިޔާ އަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ޓްރާންސްފާގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމެންޓު ބުކިން ހުށަހެޅުމުން ފެރީގެ ހިދުމަތް ލިބޭނެއެވެ. ހުޅުމާލެ ޓާމިނަލުން ހޮސްޕިޓަލަށް ވެސް ވޭން ޓްރާންފާ ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބަލިމީހުން ބަލާ ދަތުރުކުރާ ޓްރީޓޮޕްގެ ފެރީގައި، އެ ހޮސްޕިޓަލުގެ ގެސްޓް ރިލޭޝަންސް ސްޓާފެއް އަބަދުވެސް ދަތުރުކުރާނެއެވެ.

މާލެއިން ފެރީ ފުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެއް ނަންބަރު ޖެޓީއިންނެވެ. ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް ދަތުރުތައް އޮންނާނެއެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ފެރީގެ ޚިދުމަތް ދޭނެއެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެ ހޮސްޕިޓަލުން އެމްއާރްއައި ސީޓީ ސްކޭން، ކާޑިއެކް ސާޖަރީ، ކީމޯ ތެރަޕީ، ނިއުރޯ ސާޖަރީ، އޮންކޮލޮޖީ އަދި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެއެވެ.

ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ "ރަމްސޭ ސައިމް ޑާބީ"އިންނެވެ.