24 Mar 2018, 11:52
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމުގައި ހުންނެވި މެދުމިނުމުގެ ޚިޔާލުގެ ހާބަޓް ރިމޮންޑް މެކްމާސްޓަރ ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ހަރުކަށި ބޭފުޅެއްކަމަށްވާ ޖޯން ބޯލްޓަން އެމަގާމަށް އައްޔަން ކުރައްވާފައެވެ.
ބޯލްޓަންއަކީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާ އިސްލާމީ ގައުމުތަކާ ދެކޮޅަށް ހިންގާ އިސްވެ ހަމަލާދިނުމާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކުރައްވާ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އދ. އަށް ގޮންޖަހާފައި އެމެރިކާއިން އިރާގާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމަ ކުރި ދުވަސްވަރު އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބުކަމުގެ މަގާމުގައި ހުންނެވީވެސް ޖޯން ބޯލްޓަންއެވެ.
ބޯލްޓަންއަކީ އުތުރުކޮރެއާއާއި އީރާނަށް އެމެރިކާ އިސްވެ ހަމަލާދީ އެދެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާގެ "ގޮނޑިކޮއްކޮ" ސަރުކާރެއް އެ ދެގައުމުގައި އުފެއްދުމަށް ފާޅުގައި ގޮވާލައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އދ. ގެ ނިޒާމަށްވެސް ގޮންޖަހައި، އަދި އދ. އަކީ އޮންނަންޖެހޭ ތަނެއް ނޫންކަމަށްވެސް ވިދާޅުވެފައިވާ ބޭފުޅެކެވެ. ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އިރާގާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރުހުން ނުލިބޭނެ ކަށަވަރުވުމުން (އެކަމާދެކޮޅަށް ވީޓޯ ކުރާނެކަމަށް ފަރަންސޭސި ވިލާތުން ބުނުމުން) ބޯލްޓަން ވަނީ އދ. އަކީ ބޭކާރު ތަނެއް ކަމަށާއި، އެއީ އޮންނަންޖެހޭ ތަނެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އަދި ދުނިޔޭގައި އޮންނަން ޖެހޭނީ ހަމައެކަނި އެމެރިކާގެ އާރާއި ބާރު ކަމަށާ އެމެރިކާ މަސައްކަތްކުރާނީ ދުނިޔޭގެ މަސްލަހަތަށް ކަމަށާއި އެކަމަށް ހުރަސް އަޅާނެ އެހެން ބާރެއް އޮވެގެން ނުވާނެކަމަށްވެސް އެދުވަސްވަރު ޖޯން ބޯލްޓަން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ބޯލްޓަންއަކީ އެމެރިކާއިން ރަޝިއާއާއި ޗައިނާއާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅުމަށްވެސް ގޮވާލައްވާ ބޭފުޅެކެވެ.
ނަމަވެސް އިރާގު ހަނގުރާމައިގެ ދުވަސްވަރުގެ ރަޝިއާއާއި، މިއަދުގެ ރަޝިޔާއަކީ މުޅިން ތަފާތު ދެ ރަޝިއާއެކެވެ. އެއީ ބާރުގެ ގޮތުންނާއި އެމެރިކާއަށް ދޫ ނުދިނުމުގެ ގޮތުންނެވެ. އަދި ރަޝިއާގެ ވެރިކަމުގައި އޭރު ހުންނެވީވެސް ޕޫޓިން ފަދަ ވަރުގަދަ ޝަޚްސިއްޔަތެއް ނޫނެވެ. އަނެއްކޮޅުން ޗައިނާވެސް މިހާރު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއާ ދެކޮޅަށް ވީޓޯގެ ބޭނުން ކުރަން ފަށާފައެވެ.
ފަލަސްތީނުގެ މައްސަލައަށް ބަލާއިރު ބޯލްޓަންއަކީ އިސްރާއީލުގެ ހަރުކަށި އަދި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކުރައްވާ، ފަލަސްތީނުގެ ހައްގުތަކަށް އިހްތިރާމް ނުކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ބޯލްޓަންއަކީ ޔޫރަޕަށްވެސް މަލާމާތް ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ބޯލްޓަންއަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ވިސްނުމާ ވިސްނުން ވަރަށް އެއްގޮތް ބޭފުޅެކެވެ.
ނަމަވެސް ރަޝިއާއާ މެދު ބޯލްޓަންގެ ވިސްނުމާއި ޓްރަމްޕްގެ ވިސްނުން ތަފާތުވެދާނެއެވެ. އެއީ ޓްރަމްޕަކީ ރަޝިއާގެ ރައީސް ޕޫޓިން ދެކެ ބިރުގަންނަ ބޭފުޅަކަށް ވާތީއެވެ. ޓްރަމްޕް، ޕޫޓިން ދެކެ ބިރުގަންނަކަމަށް ސީއައިއޭގެ ކުރީގެ ވެރިޔާވެސް ވަނީ ވިދާޅުވެފައެވެ. ބިރުގަންނަނީ ޕޫޓިންގެ އަތްޕުޅުގައި ޓްރަމްޕްގެ ވަރަށް ގިނަ ޝަޚްސީ މައުލޫމާތުތައް ހުރުމާއެކު އެމައުލޫމާތުތައް ބޭޒާރުވެދާނެތީ ކަމަށްވެއެވެ.
ޓްރަމްޕްގެ ވެރިކަމަށް މިވީ ސާދަ މަސްތެރޭގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމަށް ތަފާތު ތިން ބޭފުޅަކު ވަނީ ހަމަޖައްސަވާފައެވެ. ބޯލްޓަންއަކީ ތިންވަނަ މުސްތަޝާރެވެ. މެކްމާސްޓާގެ ކުރިން ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުކަމުގެ މަގާމުގައި ހުންނެވި މައިކަލް ފްލައިން ވަކިކުރީ މަގާމާ ހަވާލުވިތާ މަހެއް ވެސް ނުވަނީހެވެ. ދާދިފަހުން ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި މެދުމިނުގެ ވިސްނުމުގެ ބޭފުޅެއްކަމަށްވާ ރެކްސް ޓިލަސަން ވަކިކުރައްވައި ސީއައިއޭގެ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ މައިކް ޕޮމްޕިއޯ އެމަގާމަށް އައްޔަނު ކުރައްވާފައެވެ.
ޓްރަމްޕްގެ ވެރިކަމަށް މިވީ ސާދަ މަސްތެރޭގައި ވައިޓްހައުސްއިން ވެސް މިވަނީ ސާދަބޭފުޅުން ބޭރުވެވަޑައިގެންފައެވެ. މީގެތެރެއިން ބައެއް ބޭފުޅުން ވަކިވީ އަމިއްލައަށެވެ. އަނެއްބައި ބޭފުޅުން މަގާމުން ދުރުކުރީއެވެ. ޓްރަމްޕްގެ ވެރިކަމުގައި ވައިޓްހައުސް ވަނީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައެވެ. މީގެއިތުރުން އެފްބީއައިގެ ތަހްގީގްތަކަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރެވިފައިވެއެވެ. އަދި ޓްރަމްޕްގެ އާއިލާގެ ބޭފުޅުންގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒުގެ ބޭނުންކުރައްވާކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގައި ޓްރަމްޕްގެ އަތެއް ވާކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމަށް ބޯލްޓަން އައްޔަން ކުރުމުން އެކަމަށް މަރުހަބާ ކިޔާފައިވަނީ ޓްރަމްޕްގެ ވެރިކަމަށް އެންމެ ބޮޑަށް ތާއީދުކުރާ ދެގައުމު ކަމަށްވާ އިސްރާއީލާއި ސައޫދީ އަރަބިއާއިންއެވެ. ފަލަސްތީނުން ވަނީ އެކަމާމެދު ކަންބޮޑުވާކަމަށް ބުނެފައެވެ. ޔޫރަޕް އޮތީ ހިމޭނުންނެވެ.