24 Mar 2018, 16:17
މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު މިދުހަތު ފަހުމީ (ބިޗަޑު)ވެސް ދެވަނަ ޑިވިޝަންގެ ކްލަބު، ޖޭޖޭ ސްޕޯޓްސްއާ ގުޅިއްޖެއެވެ.
ކުރިން ގައުމީ ޓީމަށް ކުޅުނު ހުސައިން ނިޔާޒް (ބޮކުރީ)ގެ ކޮއްކޮ، ބިޗަޑު މިދިޔަ ސީޒަންގައި ނިއުއަށް ކުޅެފައިވާއިރު، އޭނާ ވަނީ އެޓީމުގެ މެދުތެރެއިން މުހިންމު ރޯލެއް އަދާކޮށްފައެވެ. ސީޒަން ނިންމުމަށްފަހު ނިއުގެ ކޮންޓްރެކްޓް ބިޗަޑު އާކުރި ނަމަވެސް މި ސީޒަންގައި ނިއުގެ ސްކޮޑުގައި ބިޗަޑުގެ ނަން ހިމަނައިފައެއް ނުވެއެވެ.
އުފަން ރަށް މަހިބަދޫއިން ފުރަތަމަ ޑިވިޝަންގައި ކުޅުނު އިރު، އެޓީމުގެ ކެޕްޓަންކަންް ކުރި ބިޗަޑުވަނީ ކުރިންވެސް ނިއުއަށް ކުޅެފައެވެ. އަދި 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވެސް ބިޗަޑު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މި ސީޒަންގެ ދެވަނަ ޑިވިޝަންގެ ތަށްޓަށް އަމާޒު ހިފައިފައިވާ ޖޭޖޭ ސްޕޯޓްސްއިން އަންނަނީ ބޮޑެތި ޓްރާންސްފާތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން ވެލެންސިއާއާއި ވިކްޓަރީ އަދި ނިއު ރޭޑިއަންޓަށް ކުޅުނު އިބްރާހިމް ޝިޔާމް (ކުޑަ ތޮއްޑޫ)އާއި ވިކްޓަރީން ވިދާލި އަބްދުލް މުހައިމިން އަދި ކުރިން އީގަލްސްއާއި ވެލެންސިއާ އަދި ނިއުއަށް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި)ވެސް މި ސީޒަންގައި ފެންނާނީ ޖޭޖޭ ސްޕޯޓްސްއިންނެވެ.
މީގެ އިތުރުންވެސް މުބާރާތް ފެށުމުގެ ކުރިން ބިދޭސީ ކުޅުންތެރިންވެސް ޓީމާ ގުޅޭނެ ކަމަށް ޖޭޖޭއިން މައުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން އަންނަ މަހުގެ ނުވަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފުޓުބޯޅަ އޮނިގަނޑަށް މިއަހަރު ގެނައި ބަދަލާއެކު ދެވަނަ ޑިވޝަންގެ ޗެމްޕިއަނުންނަށް މި ފަހަރު ފުރަތަމަ ޑިވިޝަންގެ ޖާގައެއް ޔަގީންވާނެއެވެ.