24 Mar 2018, 10:21
ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ސިވިލް ކޯޓު ބަލިކޮށް، މީޑިއާނެޓުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ރޭގެ މެޗަށް ނުކުތް އިރު ދެ ޓީމުވެސް އޮތީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ. ގްރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުގައި ތިލަފުށީ ކޯޕަރޭޝަނާއި އެމްޕީއެލް ކުޅުނު މެޗު އެއްވަރު ވެފައިވާ އިރު، އެ ދެ ޓީމަށްވެސް ދެ މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ސިވިލް ކޯޓު ކެޓީ ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.
ރޭ މީޑިއާނެޓާއި ސިވިލް ކޯޓު ކުޅުނު މެޗު މީޑިއާނެޓުން ކާމިޔާބުކުރީ 6-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި ހުސައިން ޝަމީމު (އަންމި)ގެ ގޯލުން ސިވިލް ކޯޓުން ލީޑު ނެގިނަމަވެސް، މެޗުގެ ނުވަވަނަ މިނެޓުގައި މީޑިއާނެޓްގެ އަހުމަދު ޝަހުމް (ޓޮޓީ)ގެ ގޯލުން އެ ޓީމު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ހާފް ނިމުމުގެ ކުރިން މީޑިއާނެޓުން ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. އެ ގޯލް މީޑިއާނެޓަށް ކާމިޔާބުކޮށްދިނީ އަހުމަދު މާހިންއެވެ.
ދެވަނަ ހާފް ފެށިގެން ހަތް މިނެޓް ތެރޭގައި އަންމިގެ ދެވަނަ ގޯލާއެކު ސިވިލް ކޯޓުން ވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އަހުމަދު ޝަރީފްގެ ގޯލުން މީޑިއާނެޓް ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް އޭގެ މިނެޓެއް ފަހުން މުހައްމަދު ސިނާހު ވަނީ ސިވިލް ކޯޓަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗު ނިމެން ދަނިކޮށް ފުލުފުލުގައި ދެ ގޯލް ޖަހައިދީ މީޑިއާނެޓަށް މެޗުން ތިން ޕޮއިންޓް ހޯދައިދިނީ މުހައްމަދު ފާރިޝް އާދަމް (ކޮކީ)އެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް ބީގައި ރޭ އިސްލާމިކް އެފެއާޒްއާއި ކްލަބު އެޗެޑީސީ ވާދަކުރި މެޗު، އެޗްޑީސީން ކާމިޔާބުކުރީ 15-0ގެ ނަތީޖާއަކުންނެވެ.
ކުޅުނު ދެ މެޗުންވެސް މޮޅުވެ، އެޗްޑީސީ އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅޭ މެޗުތައް:
16:00 ޕޮލިސް ކްލަބު - އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
16:00 ކަސްޓަމްސް - މޯލްޑިވް ގޭސް
20:15 ޓީމު ފެނަކަ - އެފްއެސްއެމް
20:15 ހައުސިން - ދިރާގު