24 Mar 2018, 10:15
ކްލަބު މޯލްޑިވްސް ކަޕް 2018ގައި އިބްރާހީމް ހަމްދާން (މެސީ)ގެ ހަތަރު ގޯލާއެކު ޔުނައިޓެޑް ބީއެމްއެލް މޮޅުވި އިރު، އެމްޕީއެލްއިން ތިލަފުށީ ކޯޕަރޭޝަން ހިފަހައްޓައިފި އެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ވާދަކުރީ ޔުނައިޓެޑް ބީއެމްއެލްއާއި ޔެސް ޓީވީ އެވެ. އެ މެޗު ބީއެމްއެލްއިން ކާމިޔާބުކުރީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ އަށް ވަނަ މިނެޓުގައި ބީއެމްއެލްއަށް ލީޑު ނަގައިދިނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ މެސީއެވެ. މެސީގެ ގޯލުން ލީޑުގައި އޮވެ ހާފް ނިމެން ދަނިކޮށް ޔެސް ޓީވީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ފަހުމީ (އައްޔަ) އެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެވަނަ ހާފަށް ނުކުމެ ވަރުގަދަކޮށް ފެނުނީ ބީއެމްއެލް އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް މެސީގެ ޖެހި ގޯލުން ބީއެމްއެލް ދެވަނަށް ފަހަރަށް މެޗުގައި ލީޑު ނެގި އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އިތުރު ގޯލެއް ޖަހައި މެސީވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މެސީ އޭނާގެ ހަތަރު ވަނަ ގޯލް ކާމިޔާބުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ ފަހު މިނެޓުގައި ބީއެމްއެލްގެ ފަސް ވަނަ ގޯލް ކާމިޔާބުކޮށްދިނީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓުއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި އެމްޕީއެލްއާއި ތިލަފުށި ކޯޕަރޭޝަން ވާދަކުރި މެޗު ނިމުނީ 0-0ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
މެޗުގައި ދެ ޓީމުން ވެސް މާ ބޮޑަށް އެޓޭކް ކުރަން މަސައްކަތް ކޮށްފައި ނުވާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ކޮޅަށް ގޯލެއް ނުވައްދާ މެޗު ނިންމާލުމަށެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ތިލަފުށީ ކޯޕަރޭޝަނުން މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުގައި ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ނަންތަކެއް ފެންނަމުންދެ އެވެ. އެގޮތުން މިދިޔަ އަހަރު ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ލިޔާހުގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) އަދި މުހައްމަދު ރިއްފަތު (ރިއްޕެ) ފާހަގަ ކޮށްލެވެ އެވެ.
އެމްޕީއެލްއަކީ މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ރަނަރަޕް ޓީމެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅޭ މެޗުތައް:
16:00 ޕޮލިސް ކްލަބު - އޭވިއޭޝަން ސެކިއުރިޓީ ކޮމާންޓް
16:00 ކަސްޓަމްސް - މޯލްޑިވް ގޭސް
20:15 ޓީމު ފެނަކަ - އެފްއެސް އެމް
20:15 ހައުސިން - ދިރާގު