27 Aug 2011, 08:30
ބަސް މޮށުންތެރިކަން ކިތަންމެ ފުރިހަމައަކަށް ވެސް އަރަބީންނަށް ލިބިގެންވެ އެވެ. އަރަބި ނޫން މީހުންނަށް އިހުޒަމާނުގައި އަޖަމީންނޭ ނުވަތަ ދޫ ފަސޭހަ ނޫން މީހުންނޭ ކިޔައި ނަންދިނުމުގެ ސަބަބަކީ ވެސް ބަސްމޮށުންތެރިކަމަށް އަރަބީން މޮޅުކަމާއި ހުޝިޔާރުކަމުން ކަމަށް ވެދާނެ އެވެ. އަރަބި ބަހަކީ ބަސްތަކުގެ ތެރެއިން ބަލާޣާތްތެރިކަމާއި ފަސާހާތްތެރިކަމަށް މަޝްހޫރު ބަހެކެވެ.
މިއަދުގެ ބަދަލުވެފައިވާ ދުނިޔޭގައި އަދިވެސް ބަދަލުނުވެ ދިގުދެމިގެންދާ ކަންކަމުގެ ތެރޭގައި އަރަބީންގެ ބަސްމޮށުންތެރިކަން ހިމެނެއެވެ. އަނެކާއަށް ނުބުނެވޭވަރުގެ މޮޅު ބަސް ބުނެގެން ކަންކަން ހަމަޖެއްސުމުގެ ނުވަތަ ހަމަޖެއްސޭތޯ އުޅުމުގެ އާދަ މިއަދުވެސް އެންމެ ބޮޑަށް ފެންނަމުންދަނީ އަރަބި ގައުމުތަކުންނެވެ. އަމަލަށް ވުރެ ގިނައީ މޮޅު ވާހަކައެވެ.
މިދެންނެވުނު ބަހުގެ ހެއްކަކީ އަރަބި ގައުމުތަކަށް މުސީބާތާއި ހަލާކު ކުރިމަތިވާއިރުވެސް އެތަންތާގެ ވެރިން އެދައްކަވާ މޮޅު ވާހަކަފުޅުތަކާއި ބޭނުން ކުރައްވާ މުއްސަނދި އިބާރާތްތަކުގެ ފަށުވިކަން ބޮޑުކަމެވެ. އެބޭފުޅުންގެ ސިފަ ކުރެއްވުންތަކާއި ހަގީގީ މަންޒަރުތަކާ ގުޅުން ހުންނަ މިންވަރު ކުޑަ ކަމެވެ.
ގަލްފު ހަނގުރާމައިގެ ދުވަސްވަރު އިރާގުގެ އިންފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ސައީދު އައްސަހާފު ދުނިޔޭގެ މީޑިއާއަށް ސިފަކޮށްދެއްވަމުން ގެންދެވި މަންޒަރުތަކާއި ހަނގުރާމައިގެ މައިދާނުގައި ތަމްސީލުވަމުންދިޔަ ހަގީގީ މަންޒަރުގެ ތަފާތު ވަރަށް ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނާނެ އެވެ. އިރާގަށް އެރި ކާފަރު ދޮން ސިފައިން ފަހަމުން ގިއްގަޅުވަމުން އަދި ބޮލުގެ ފުއްކިބައިގައި ޓަކިޖަހަމުން އިރާގުގެ ރައްޔިތުން އެދަނީއޭ ސައްހާފު ވިދާޅުވާއިރު ސައްހާފު އާއި ސަރުކާރުގެ ވެރިން އަދި އިރާގު ސިފައިންގެ ބޮޑެތި ބޮޑެތި ކޮމާންޑަރުން ފިއްލެވުމަށް ދުވެވަޑައިގަންނަވަނީ އެވެ.
ސައްހާފުގެ މިކަހަލަ މޮޅު ވާހަކަތަކާ ހެދި އެމެރިކާގެ އޭރުގެ ރައީސް ބުޝް ވެސް ހުސް ވަގުތު ހޯއްދަވައިގެން ހަމައެކަނި ހިނިފުޅުވެޑުވުމަށް ސައްހާފުގެ ޕްރެސް ކޮންފަރެންސްތައް ބައްލަވާ ކަމަށްވެ އެވެ.
ސައްހާފުގެ ވެރިމީހާ ސައްދާމު ހުސައިން ވެސް ވަކިން ސަހަލު ކަމަށް ނުފެނެ އެވެ. އިރާގުގެ ސަރަހައްދަށް ވަންނަ ބިދޭސީ ސިފައިންގެ ކޮންމެ މީހެއްގެ ފައިތިލައިގެ ދަށުން އަލިފާން އަންދައި ގަދަފަދަ އަޒާބު ދައްކާނޭ ކަމަށް ސައްދާމު ވިދާޅުވަމުން ގެންދަވަނިކޮށް ބިމުގައި ކޮނެފައިވާ ޒާތެއްގެ ވަޅުގަނޑެއްގެ ތެރޭން ސައްދާމުގެ އިސްތަށިތަކުގައި ހިފައި ދަމައި ގަދަކަމުން އޭނާ ނެރުނީ ހަމަ އެއްކަލަ ބިދޭސީ ސިފައިންގެ ތެރޭން މީހެކެވެ.
ލީބިޔާގެ ޒައީމް ކާނަލް ގައްޒާފީ އާއި އޭނާގެ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ބޭފުޅުން އެހެރަގެން ދައްކަވަނީ ވެސް ހަމަ މިޒާތުގެ ވާހަކަފުޅު ތަކެކެވެ. ލީބިޔާގެ ރައްޔިތުން ގައްޒާފީ ދެކެ ލޯބިވާ ވާހަކަ އާއި ލީބިޔާގެ ބިމުގެ އެންމެ އިންޗިއެއްވެސް ބާޣީންނަށް މަރުހަބާ ނުކިޔާނެ ކަމަށް ފެހި މައިދާނުގައި ހަރު އަޑުފުޅުން އެބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށް އައި ނައި ތަނެއްވެސް ނޭގި، ކުއްލިއަކަށް ގައްޒާފީއާ ދެކޮޅު ހަނގުރާމަވެރިން ފެހި މައިދާނުން ފާޅުވެ ވެރިރަށް ޓްރިޕޮލީ އެމީހުންގެ ބާރު ދަށަށް ގޮސް ގައްޒާފީގެ ބައެއް ދަރިދަރިކަލުން ހައްޔަރުވެސް ވެއްޖެ އެވެ.
މިހިސާބަށް ދިޔުމަކުން ވެސް ގައްޒާފީގެ ބަސްމަގަށް ބަދަލެއް ނާދެއެވެ. ރައްޔިތުންނަށް ޖިހާދުގެ ހިތްވަރުން ހިތްވަރު ދެއްވުމުގައި ގައްޒާފީ ކޮންމެވެސް ތަނެއްގައި ފިއްލަވާ ހުންނެވިއިރު ރައްޔިތުން މައިދާންތަކަށް އެއްވެ ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެވޭތީވެ އުފާ ފާޅުކުރަމުންދަނީ އެވެ.
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެސް ހަމަ މިފަދަ އެވެ. އޭނާ މިހާރު ވިދާޅުވާ ވާހަކަފުޅަކީ ސީރިޔާގެ އަސްކަރީ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ދުނިޔޭގެ ހަމައެއްވެސް ބާރަކަށް ރޭކާވެސް ނުލާނެ ކަމަށާ އޭނާގެ ސަރުކާރު ވައްޓާލަން އުޅޭ ބާޢީންގެ މަދު ބަޔަކަށް ވާގިވެރިވާން އެހެން ގައުމަކުން ދިމާކޮށްފިނަމަ ގަދަފަދަވެގެންވާ ރައްދަކުން ރައްދުދީ އެބަޔަކު ނިކަމެތިކޮށްލާނެ ކަމުގައެވެ.
ބައްޝާރު މިހެން ވިދާޅުވާއިރު ޖެހިގެން އޮތް އިޒްރޭލު ބޭނުން ކޮންމެ އިރަކު ސީރިޔާގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑައި ބައްޝާރުގެ ގަނޑުވަރުގެ މަތިން މަތިންދާބޯޓު އުދުއްސައި ބޭނުންތާކަށް ބޮން ވައްޓަމުންދާއިރު އެއްކަލަ ގޮތް ނޭގޭ ބާރުވީތަނެއް އެނގޭ މީހަކު ނެތެވެ. ސީރިޔާގެ އެންމެ މުއްސަނދި އެއް ސަރަހައްދު ކަމަށްވާ ގޯލާން ހައިޓްސް ހިފައިގެން ތިބެ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވަދެ ނުކުމެވާ މީހުން ބަލަން އިޒްރޭލް ސިފައިން ދުރުމި އަޅާއިރުވެސް އެއްކަލަ ބާރު ހަމަ އޮތްގޮތަށް އޮތީ އެވެ. އެބާރުގެ މަތިން ރައީސް ބައްޝާރު ހަނދުމަފުޅުވީ އޭނާގެ ވެރިކަން ވެއްޓިދާނޭހެން ހީފުޅުވެ ރައްޔިތުން ދެކެ ބިރުފުޅުގެން ވަޑައިގަތުމުންނެވެ.
ބައްޝާރު އެވިދާޅުވާ ހާސް ބާރު ހުއްޓަސް އޭނާގެ ވެރިކަން ނިމެން ދެން މާގިނަ ދުވަސްތަކެއް ނެތްކަމީ މުޅިން ޔަގީން ކަމެކެވެ.
ޒަމާނުއްސުރެ އަރަބި ގައުމުތަކުގެ ވެރީން ގެންދަވަނީ އެ ބޭފުޅުގެ ދުލުގެ ޖާދޫ އޭގެ އެންމެ މަތީ ފެންވަރުގައި ބޭނުންފުޅު ކުރައްވަމުންނެވެ. އެހެން ނަމަވެސް ކުރީގެ މަންޒަރު މިހާރު ދަނީ ބަދަލުވަމުންނެވެ. ކުރިމަގުގެ މަންޒަރު ކައިރިވަމުން ބޮޑުވަމުން އެހެރަގެން އަންނަނީއެވެ. އަރަބި ދުނިޔޭގެ މަސްރަހަށް މި އަންނަ ބަދަލުތަކަކީ ހިނިއައިސްގެން ޖޯކަކަށް ދައްކާލެވޭ ވަރަށް ވުރެ ސީރިޔަސް ވާހަކައެކެވެ.