23 Mar 2018, 23:58
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ މުބާރާތުގައި ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް އެޓީމުން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ނިލަންދޫގެ އިތުރުން ޒޯން ފަހެއްގައި ކުޅޭނީ ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދުއާއި މ. އަތޮޅުގެ ޗެމްޕިއަނުން މުލި އަދި ދ. އަތޮޅުގެ ޗެމްޕިއަން މީދުއެވެ.
ފ. ނިލަންދޫގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނީ ނިލަންދުއާއި ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދުއެވެ. އެ މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދުއެވެ.
ނިލަންދޫން މި މެޗަށް ނުކުތްއިރު އެޓީމު އޮތީ މުބާރާތުގެ ފުރަތަމަ މެޗުގައި މ. އަތޮޅުގެ ޗެމްޕިއަން މުލި ބަލިކޮށްފައެވެ. ފުލިދުއިން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވީ ދ. އަތޮޅުގެ ޗެމްޕިއަން މީދުއާ ވާދަކޮށެވެ.
މިއަދުގެ މެޗުގައި ނިލަންދޫން ފުލިދޫ ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. ނިލަންދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން އިބްތިޝާމާއި އަހުމަދު ސަނޫންގެ އިތުރުން އަހުމަދު އަލީއާއި އަޒްހާން އަލީއެވެ.
ނިލަންދުއަށް މުބާރާތުގައި ދެން ބާކީ އޮންނާނީ އެއް މެޗެވެ. އެއީ ދ. އަތޮޅުގެ ޗެމްޕިއަން މީދުއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޒޯން ފަހެއްގެ މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. ޒޯން ފަހެއްގައި މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ މ. އަތޮޅުގެ ޗެމްޕިއަން މުލި އަދި ދ. އަތޮޅުގެ ޗެމްޕިއަން މީދުއެވެ.