މޯލްޑިވިއަން އައިޑަލްގައި ރޭ ފެނިގެން ދިޔައީ ގަދަ 10 ގެ ހުށަހެޅުންތަކެވެ. ޝޯގެ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ހިސާބަށް އާދެވިފައިވާއިރު، ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަމާއި، އައިޑަލްގެ ޓައިޓަލްއާ ހަމައަށް ދިއުމަށް ކުރާ މަސައްކަތް ދަނީ ފެންނަމުންނެވެ.

މިހަފްތާ ބައިވެރިން ލަވަ ހުށަހަޅައިިނީ "އެކޯސްޓިކް" ތީމްއަށެވެ. ރީތި ލަވަތަކެއް މިރޭގެ ޝޯ އިންވެސް ފެނިގެން ދިޔައެވެ. ރަނގަޅު ކުރި ކަންތަކާ ރަނގަޅު ކުރަންވީ ކަންތަކުގެ ވާހަކަ ޖަޖުން ކިޔައިދިނެވެ.

އައިޑަލްގެ ގަދަ 10 ގައި ވާދަކުރާ ބައިވެރިންނަކީ މަރިޔަމް މައީޝާ، އަބްދުﷲ މުނާޒް، އަބްދުﷲ މުރްޝިދު، އައިޝަތު އަޒަލް، ރައިހާން އާދަމް، ހަސަން ޝަހުދާން، އިބްރާހިމް ޝަމީލް އާއި ސައިނާ މުހައްމަދުގެ އިތުރުން ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.

މިރޭގެ ޝޯގައި ކޮންމެވެސް އެއް ބައިވެރިޔަކު އައިޑަލްގެ ދަތުރުން ވަކިވާނެއެވެ. ގަދަ ނުވައެއް ކަށަވަރު ވާނީ ޖަޖުންގެ ފަންސާސް ޕަސެންޓު މާކްސްއާއި ބެލުންތެރިންގެ ފަންސާސް ޕަސެންޓު މާކްސްއާ އެކުއެވެ. ބައިވެރިންނަށް ވޯޓު ދިނުން މިއަދުގެ ހަވީރު ހަތަރަކަށް ވަނީ ހުޅުވާލައިފައެވެ.