23 Mar 2018, 21:33
އަވަށްޓެރި އިންޑިއާ އަދި ޗައިނާ އަކީ ވެސް ރާއްޖެއަށް މުހިއްމު ދެ ޕާޓްނަރުން ކަމަށާއި އެއިން އެއްވެސް ގައުމެއް ދޫކޮށްލައިގެން ރާއްޖެއަށް ދެކޮޅު ނުޖެއްސޭނެ ކަމަށް ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވާތީ ސަރަހައްދީ ބޮޑުބާރު އިންޑިއާއިން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި މިފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.
އެގޮތުން ރާއްޖޭގެ އެތެރޭގެ ސިޔާސީ މައްސަލަތަކާ ފަހަކަށް އައިސް އިންޑިއާއިން ގޮތްކިޔައި ހަދަމުންދާތީވެ، ދިވެހި ސަރުކާރުންނާއި ބައެއް އިސް އޮފިޝަލުން ވެސް ދަނީ ސީދާ އަދި ނުސީދާ ގޮތަކަށް ވެސް އިންޑިއާއަށް އަމާޒުކޮށް ރައްދު ދެމުންނެވެ.
އެ މައްސަލައާ ގުޅިގެން ޗައިނާގެ ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ ގިނަ އިންވެސްޓްމަންޓުތަކާއި ޕްރޮޖެކްޓުތަކާއެކު ދިވެހި ސަރުކާރުން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ވަކި ކޮޅެއް ނުނަގާނެ ކަމަށާއި ޗައިނާ އަދި އިންޑިއާ ދޫކޮށްލައިގެން ރާއްޖެއަށް ދެކޮޅު ނުޖެއްސޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް އިންޑިއާއަށް ވެސް ދިނިން. ނަމަވެސް އެކަށީގެންވާ ވަރަކަށް ފައިސާއެއް ނުލިބުނު. ޗައިނާއަކީ އަޅުގަނޑުމެންނަށް ގެއްލިފައިވާ އޮތް ދެ ބެއިންގެ ދެދަރި ފަދަ ބައެއް. އެއީ އަހަރެމެންނަށް އެހީވާން ތައްޔާރަށް އޮތް ދެ ބެއިންގެ ދެދަރި ފަދަބައެއް،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ފައިސަލް އިންޑިއާ ސިފަކުރެއްވީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ ބައެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ، އިންޑިއާ އަދި ރާއްޖެއަކީ އާއިލާއެއް ފަދަ ބައެއް ކަމަށާއި ދެ ގައުމު ދެމެދު ދެބަސްވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަމުގައި އިށީނދެ ތިބެ ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
އިންޓަވިއުގައި ޗައިނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ސަފީރު އިތުރަށް ވިދާޅުވީ، އިގްތިސާދީ ގޮތުން ދުނިޔޭގެ ބާރަކަށް ވުމަށް ޗައިނާ ކުރަމުންދާ ކަންކަން ދުނިޔެ ބަލަމުންދާ ކަމަށެވެ. އަދި އެ އުސޫލު މިއަދު ދުނިޔެ ބަލައިގަތްފައިވާ ކަމަށް ވިދާޅުވި އެވެ.
"ޗައިނާއާއެކު ރާއްޖެއިން މަސައްކަތް ކުރަމުންދާތީވެ ދަރަނީގެ މަޅިއެއްގައި ރާއްޖެ ޖައްސައި، ރާއްޖޭގެ ބިމަށް ވެރިވެގަންނަމުންދާ ކަމަށް ބުނެ ރާއްޖެއަށް ގޮންޖެހުންތަކާއި ޕްރެޝަރުތައް ދަނީ ކުރިމަތިކުރަމުން. އެކަމަކު އިންޑިއާ ނުވަތަ އެމެރިކާއާއެކު މަސައްކަތްކުރާނަމަ އެވާހަކަތަކެއް ނުދެއްކީސް،" ސަފީރު ވިދާޅުވި އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުގައި ބުނެފައިވަނީ، 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީޖިން ޕިން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު ޗައިނާގެ އިންވެސްޓުމަންޓުތައް ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ.
އެގޮތުން ޗައިނާއިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ދެ ޕްރޮޖެކްޓު ކަމަށްވާ މާލެ-ހުޅުލެ ގުޅާލައި ހަދާ ބްރިޖާއި އެއާޕޯޓް މަޝްރޫއުގެ އިތުރުން ސޯޝަލް ހައުސިން އާއި ރިސޯޓްތަކަށް ވެސް ޗައިނާއިން އިންވެސްޓް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން އެހެން ބުނި ނަމަވެސް ސަފީރު ފައިސަލް ވިދާޅުވީ، ޗައިނާގެ ވިޔަފާރިތައް ރާއްޖެ އަންނަ މިންވަރު ވަރަށް ލަސް ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާއަށް ބަލާއިރު ވެސް ޗައިނާގެ އެންމެ ހަތް އިންވެސްޓްމަންޓު އޮތުމަކީ ޗައިނާފަދަ ގާބިލް ގައުމަކަށް ބަލާއިރު މަދު އަދަދެއް ކަމަށް ވިދާޅުވި އެވެ.
އިންޓަވިއުގައި އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ރާއްޖެއިން ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަކުރައްވައި ސަފީރު ވަނީ، ޗައިނާއާއެކު ވެސް އެފަދަ ތަމްރީންތަކެއް ހިންގުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
ނަމަވެސް ފައިސަލް ވިދާޅުވީ، ޗައިނާއަކަށް އަދި އެހެން ގައުމަކަށް ނަމަވެސް ރާއްޖޭގައި އަސްކަރީ ގޮތުން ވެރިވެގަތުމުގެ ފުރުސަތު ރާއްޖެއިން ނުދޭނެ ކަމަށެވެ.