23 Mar 2018, 19:22
އެކުވެރިކަމުގެ މެޗުގައި ރާއްޖެއާއި ސިންގަޕޫރު ވާދަކުރި މެޗު، ސިންގަޕޫރުން ކާމިޔާބުކޮށްފިއެވެ.
ސިންގަޕޫރުގެ ސްޕޯޓްސް ހަބުގައި މިއަދު ކުޅުނު މެޗުން ސިންގަޕޫރު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ސިންގަޕޫރު މިވަގުތު އޮތީ ފީފާ ރޭންކިންގެ 171 ވަނައިގައެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 150 ވަނައިގައެވެ. ފީފާ ރޭންކިންގައި މިވަގުތު ރާއްޖެއަށްވުރެ ފަހަތުގައި ސަންގަޕޫރު އޮތް ނަމަވެސް އެ ގައުމަކީ އާއްމުކޮށް ރާއްޖެއަށްވުރެ މަތިން ރޭންކިން މަތި ގައުމެކެވެ.
މިއަދުގެ މެޗުގައި ރާއްޖެ ނެރުނު ފުރަތަމަ 11:
މުހައްމަދު ފައިސަލް (ކީޕަރު)
- ސަމޫހު އަލީ (ސަމުއްޓޭ)
- އަކުރަމް އަބްދުލްޣަނީ (އަކޫ)
- އަސްހަދު އަލީ (އަޑުބަރޭ)
- މުޖުތާޒު މުހައްމަދު (މުޖޭ)
- މުހައްމަދު އިރުފާން (އިރޭ)
- މުހައްމަދު އުމައިރު
- އަލީ ފާސިރު (ސެންޓޭ)
- އިބްރާހީމް ވަހީދު (އިއްބެ)
- ރިހާމް އަބްދުލްޣަނީ (ބޮބީ)
- ހަމްޒާ މުހައްމަދު (ހަމްޕު)
މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ސިންގަޕޫރުން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެއް ނުވެއެވެ. ދިވެހި ޓީމު ފުރަތަމަ ހާފްގައި ފެނިގެން ދިޔައީ ޑިފެންސަށް ވިސްނާ، ކައުންޓާ އެޓޭކެއް ފުޓުބޯޅައެއް ކުޅެމުންދިޔަ ތަނެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ސިންގަޕޫރުންވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލިބުނު ކޯނަރެއް ބޮލުން ގޯލަށް ފޮނުވަލައިގެން ލީޑު ނަގައިދިނީ ކެޕްޓަން ހަރުސް ހާރޫނެވެ.
ސިންގަޕޫރުން ގޯލް ޖެހިތާ މިނެޓެއް ފަހުން ރާއްޖެއިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސިންގަޕޫރުގެ އޭރިއާގެ ކަނާތް ފަޅިން ލިބުނު ހިލޭ ޖެހުމުން މުހައްމަދު އުމެއިރު ހުރަސްކުރި ބޯޅައަށް ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އޭރިއާ ތެރެއަށް ވަން ނަމަވެސް ބޯޅަ ގޯލަށްވަނީ ކުޅުންތެރިއަކު ގައިގައި ނުޖެހިއެވެ.

ރާއްޖެއާއި ސިންގަޕޫރު ވާދަކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިންގަޕޫރު --- ފޮޓޯ/ އެފްއޭއެމް
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ރާއްޖެއިންވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ހާފް ނިމުމުގެ ކުރިން ރާއްޖެއިން ތަނަވަސްކުރި ހުސް ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ސިންގަޕޫރުގެ ޑިފެންސް މަތިން އުމެއިރުގެ އެއްލި ބޯޅައަށް އަލީ ފާސިރު (ސެންޓޭ) ދުވި ނަމަވެސް އޭނާއަށްވުރެ ކުރިން ސިންގަޕޫރުގެ ކީޕަރުވަނީ ބޯޅަ ހޯދައިފައެވެ. ރާއްޖެއަށް ފުރަތަމަ ހާފްގައި ލިބުނު އެންމެ ހުސް ފުރުސަތު ލިބިގެން ދިޔައީ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ)އަށެވެ. ހަމްޒާ މުހައްމަދު (ހަމްޕު)އާއެކު ހެދި ރީތި "ވަން ޓޫ" ޕާހަކާއެކު ސިންގަޕޫރުގެ އޭރިއާ ތެރެއަށް ވަދެ އިރޭ ތިރި ތިރިން ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ރާއްޖެއާއި ސިންގަޕޫރު ވާދަކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިންގަޕޫރު --- ފޮޓޯ/ އެފްއޭއެމް
ދެވަނަ ހާފުގައިވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިންގަޕޫރުންނެވެ. ރާއްޖޭގެ ފަރާތުން ފެނިގެން ދިޔައީ ޑިފެންސަށް ވިސްނައިގެން ކުޅެމުން ދިޔަ ތަނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ސިންގަޕޫރުންވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. ރާއްޖޭގެ އޭރިއާ ތެރެއިން ސިންގަޕޫރުގެ ފޯވަޑް ޝަހުދާން ސުލައިމާނަށް ސަމޫހު އަލީ (ސަމުއްޓޭ) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީވެސް ޝަހުދާނެވެ.
މެޗުގެ ލީޑު ނެގުމަށްފަހު ސިންގަޕޫރުގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމުން ދިޔަ ސިންގަޕޫރުންވަނީ މެޗުގެ 73 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލް ސިންގަޕޫރަށް ކާމިޔާބުކޮށްދިނީ ޝާކިރު ހަމްޒާއެވެ.
ސިންގަޕޫރުގެ ގޯލަށްފަހު ރާއްޖޭގެ ފަރާތުންވަނީ ބަދަލެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ 11ގައި ކުޅެމުންދިޔަ އިބްރާހީމް ވަހީދު (އިއްބެ)ގެ ބަދަލުގައި ކުޅެން ނުކުތީ އޭނާއާއެކު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.
ފޭދޫ އިއްބެ ކުޅުމަށް ނުކުތުމާއެކު ރާއްޖޭގެ އެޓޭކް ރަނގަޅު ވެގެން ދިޔަތަން ފެނިގެން ދިޔައެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިންގަޕޫރުގެ ޑިފެންސުން ހެދި ގޯހެއްގެ ބޭނުން ހިފައި ފޭދޫ އިއްބެވަނީ ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފަހު ކޮޅުގައި ރާއްޖޭ ޓީމުގެ ފަރާތުން ގިނަ ބަދަލުތަކެއް ފެނިފައިވެއެވެ. އެގޮތުން އަލަށް ގައުމީ ޓީމުން ފުރުސަތު ދިން ކްލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީނާއި ކްލަބު އީގަލްސްގެ މުހައްމަދު ނާއިމްވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުންވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ޔަސްފާދު ހަބީބު (މުލަކޭ)އާއި އަހުމަދު ނޫމާން (ހެލްމެޓް)ވެސް މެޗުގެ ފަހު ހާފްގައި ފެނިފައިވެއެވެ.
މިއަދުގެ މެޗަކީ މިމަހު 27 ވަނަ ދުވަހު ރާއްޖޭގައި އޮންނަ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ކުޅުނު މެޗެވެ. އަލަށް ޓީމާ ހަވާލުވި ކޯޗު ޕީޓާ ސެގަޓްގެ ފުރަތަމަ ވާދަވެރި މެޗުގައި 27 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.