ކޮންމެ ރަނގަޅު ކަމަކަށްވެސް ނިމުން އަންނާނެ ކަމަށާއި މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރީ އުފާވެރި ދެ އަހަރު ކަމަށް ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

ފާއިތުވި ދެ އަހަރު އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިބްރަހިމޮވިޗްވަނީ އެޓީމު ދޫކޮށް އެމެރިކާ ލީގުގެ އެލްއޭ ގެލެކްސީއަށް ސޮއިކުރުމަށް އެއްބަސްވެފައެވެ.

އުމުރުން 36 އަހަރުގެ ސްވިޑެން ފޯވަޑް އިބްރަހިމޮވިޗަށް މިދިޔަ އަހަރު އޭޕްރީލް މަހު ލިބުނު އަނިޔާއަށްފަހު އޭނާ އެނބުރި އައިސްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ.

އަނިޔާއިން ރަނގަޅުވެ އެނބުރި އައުމަށްފަހު އިބްރަހިމޮވިޗް މި ސީޒަންގައި އަދި ކުޅެފައިވަނީ އެންމެ ހަތް މެޗުގައެވެ. މިދިޔަ ސީޒަން ނިމުނުއިރު އޭނާގެ ފުރަތަމަ ކޮންޓްރެކްޓް ހަމަވެފައިވާއިރު އަލަށް ޔުނައިޓެޑާއެކު ސޮއިކުރި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. އެހެން ނަމަވެސް ގެލެކްސީއާ ގުޅުމަށް އިބްރަހިމޮވިޗްވަނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލައިފައެވެ.

ޔުނައިޓެޑް ދޫކޮށްލިކަން ރަސްމީކޮށް އިއުލާންކުރަމުން އިބްރަހިމޮވިޗް ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާ ބުނެފައިވަނީ ޔުނައިޓެޑާއެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ކުޅުންތެރިންނާއި ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ރަނގަޅު ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. އަހަންނަށް ޔުނައިޓެޑް ދޫކޮށްލުމަށް ވަގުތު ޖެހިއްޖެ. ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޔުނައިޓެޑްގައި ހޭދަކުރީ ތާރީހީ ދުވަސްތަކެއް،" އިބްރަހިމޮވިޗްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ޕީއެސްޖީގައި ފަސް އަހަރު ހޭދަކުރުމަށްފަހު އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ. ޔުނައިޓެޑަށް ބަދަލުވެ ކުޅުނު 33 މެޗުން 17 ގޯލް ޖަހައިފައިވާ އިބްރަހިމޮވިޗްވަނީ ޔުނައިޓެޑާއެކު ލީގު ކަޕްގެ އިތުރުން ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ސްވިޑެން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިބްރަހިމޮވިޗް އިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް އަންނަ ވޯލްޑް ކަޕުގައ ސްވިޑެންގެ ގައުމީ ޓީމަށް ކުޅެން ވިސްނާ ކަމުގެ އިޝާރާތެއް އިބްރަހިމޮވިޗްވަނީ ދީފައެވެ.