24 Mar 2018, 10:11
ސާޖިދު ނާދިއަޑްވާލާގެ "ހައުސްފުލް 4"ގެ އެއް އަންހެން ލީޑުގެ ގޮތުގައި ބަތަލާ ކްރިތީ ސެނަން ހަމަޖައްސައިފި އެވެ.
ކްރިތީ ބޮލީވުޑަށް ތައާރަފުވީ ވެސް ސާޖިދުގެ ފިލްމެއް ކަމުގައިވާ "ހީރޯޕަންތީ"އިންނެވެ. އެހެންކަމުން "ހައުސްފުލް 4" ވެގެން ދާނީ ކްރިތީއާއި ސާޖިދު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ.
ކްރިތީ ވަނީ އަނެއްކާ ވެސް ސާޖިދުއާ އެކު މަސައްކަތް ކޮށްލަން ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފަލުން ހުރިކަން ހާމަކޮށްފަ އެވެ.
"ހައުސްފުލް" އަކީ ފްރެންޗައިޒެކެވެ. މިހާތަނަށް އެ ފްރެންޗައިޒްގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައިވެ އެވެ. "ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރު އެވެ.
"ހައުސްފުލް"ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.
"ހައުސްފުލް"ގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީއެވެ.
"ހައުސްފުލް 2" އަދި "ހައުސްފުލް 3" އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފެނާންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީއެވެ.
"ހައުސްފުލް 4"ގައި ވެސް އަކްޝޭއާއި ރިތޭޝްގެ އިތުރުން ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަން ކުރި ބޮބީ ޑިއޯލް ވެސް ފެނިގެން ދާނެކަން ޔަގީންވެފައިވާ އިރު، ފިލްމުގެ އަންހެން ކާސްޓު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޚަބަރުތައް ބުނާ ގޮތުން، ފިލްމުގައި ކްރިތީ ފެނިގެންދާނީ އަކްޝޭގެ ލޯބިވެރިޔާގެ ގޮތުގަ އެވެ.
ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ.