ދުނިޔޭގެ އެއްވަނަ އެއާޕޯޓުގެ މަގާމު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ މަގާމު، ވިދި ވިދިގެން ހަވަނަ އަހަރު ހޯދައިފިއެވެ.

އެއާލައިންތަކާއި އެއާޕޯޓުތަކުގެ ރިވިއު އަދި ރޭންކިންގް ބަލަހައްޓާ އިނގިރޭސިވިލާތުގެ ސްކައިޓްރެކްސްއިން ދޭ ވޯލްޑް އެއާޕޯޓް އެވޯޑްސް މިދިޔަ ބުދަ ދުވަހު ސްވީޑެންގެ ވެރިރަށް ސްޓޮކްހޯލްމްގައި ވަނީ ބާއްވާފައެވެ.

ސްކައިޓްރެކްސްއިން 2000 ވަނަ އަހަރުން ފެށިގެން މި އެވޯޑު ދެމުން އަންނަ އިރު، މިއަހަރަކީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން ދުނިޔޭގެ އެއްވަނަ އެއާޕޯޓުގެ މަގާމު ހޯދި ނުވަވަނަ ފަހަރެވެ. އަދި ވިދި ވިދިގެން އެ މަގާމު ދިފާއުކުރި ހަވަނަ އަހަރެވެ.

ޗަންގީ އެއާޕޯޓުން ކޮންމެ އަހަރަކުވެސް ދަނީ އެ އެއާޕޯޓަށް ތަފާތު ތަރައްގީތަކެއް ގެންނަމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗަންގީ އެއާޕޯޓުގައި 994 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި އެ އެއާޕޯޓުގެ "ޓާމިނަލް 4" ވަނީ ހުޅުވާފައެވެ. އެ ޓާމިނަލްއަކީ އަހަރަކު 16 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ތަރައްގީކުރި ތަނެކެވެ. އެއާ އެކު، އަހަރަކު ޗަންގީ އެއާޕޯޓަށް ޖުމްލަ 82 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މީގެ އިތުރުންވެސް ކަސްޓަމަރުން މުނިފޫހިފިލުވައިދީ، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޗަންގީ އެއާޕޯޓުން ދަނީ ތަފާތު ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ދުނިޔޭގެ އެންމެ ރަނގަޅު 10 އެއާޕޯޓު:

  • ޗަންގީ އެއާޕޯޓު - ސިންގަޕޫރު
  • އިންޗިއޮން އިންޓަނޭޝަނަލް އެއާޕޯޓު - ދެކުނު ކޮރެއާ
  • ހަނޭޑާ އިންޓަނޭޝަނަލް އެއާޕޯޓު - ޓޯކްޔޯ، ޖަޕާން
  • ހޮންގް ކޮންގް އިންޓަނޭޝަނަލް އެއާޕޯޓު - ހޮންގް ކޮންގް
  • ހަމަދު އިންޓަނޭޝަނަލް އެއާޕޯޓު - ދޯހާ، ގަތަރު
  • މިއުނިކް އެއާޕޯޓު - މިއުނިކް، ޖަރުމަނު
  • ސެންޓްރަލް ޖަޕާން އިންޓަނޭޝަނަލް އެއާޕޯޓު - ނަގޯޔާ، ޖަޕާން
  • ލަންޑަން ހީތުރޯ އެއާޕޯޓު - ލަންޑަން، އިނގިރޭސި ވިލާތް
  • ޒިއުރިކް އެއާޕޯޓު - ޒިއުރިކް، ސްވިޓްޒަލެންޑް
  • ފްރެންކްފާޓް އެއާޕޯޓު - ފްރެންކްފާޓް، ޖަރުމަނު