ނައިރޯބީ (މާޗް 23): ކެންޔާގެ ހޮސްޕިޓަލެއްގެ ބިންމަތީގައި ވިހަން މަޖުބޫރު ކުރުވި އަންހެނަކަށް ބަދަލެއްގެ ގޮތުގައި 25،000 ޑޮލަރު (2.5 މިލިއަން ޝިލިންސް) ދޭން ކޯޓުން އަމުރުކޮށްފިއެވެ.

ޖޯސެފިން މަޖާނީ ކެންޔާގެ ހައިކޯޓަކަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން 2013 ވަނަ އަހަރު ކެންޔާގެ ބުންގޯމާ ސިޓީގެ ހޮސްޕިޓަލަކަށް ވިހަން ދިޔަ އިރު، އެ ހޮސްޕިޓަލެއްގައި ހުސްކޮށް އެނދެން ނެތުމުގެ ސަބަބުން އޭނާ ވިހަން ޖެހުނީ ބިންމަތީގައެވެ.

އޭގެ ސަބަބުން ހޮސްޕިޓަލުގެ ބިންމަތި ހަޑި ކުރިކަމަށް ބުނެ އެތަނުގެ ނަރުހުން މަގާނީއަށް އަނިޔާކޮށް އެއްޗެހި ގޮވާ ހެދި ކަމަށް އޭނާގެ ވަކީލު ބުންޏެވެ.

މަޖާނީ ވިހަން ޖެހުނީ ގިނަ ބައެއްގެ ކުރިމަތީގައެވެ. އެހޮސްޕިޓަލުގެ މުވައްޒަފަކު ވަނީ އެހާދިސާގެ ވީޑިއޯއެއް ނަގާފައެވެ.

ކެންޔާގެ ހައިކޯޓުން ނިންމި ގޮތުގައި އެހޮސްޕިޓަލުން ވަނީ މަޖާނީގެ ހައްގުތަކަށް އަރައިގެންފައެވެ. އަދި ވިހެއުމަށް ފަހު މައިންނަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށް ކަމާ ބެހޭ އިސް ފަރާތްތައް ވަނީ ނުކުޅެދިފައި ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.

"ބުންގޯމާ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި އަހަރެންނަށް ވަނީ އަނިޔާކޮށް ލަދު ގަންނަވާފައި. ނަމަވެސް ކޯޓުން މިއަދު ނިންމި ގޮތުގެ ސަބަބުން، ހުރިހާ އަންހެނުންނަށްވެސް ވިހެއުމަށް ފަހު ބޭނުންވާ ސިއްހީ ފަރުވާ ޔަގީންކޮށްދިނުމަށް ސަރުކާރަށް މަޖުބޫރު ވާނެ ކަމަށް އަހަރެން އުންމީދު ކުރަން،" މަޖާނީ ބުންޏެވެ.

އެމެރިކާގައި ހުންނަ ސެންޓާ ފޯ ރިޕްރޮޑަކްޓިވް ރައިޓްސް (ސީއާރުއާރު)އިން ވަނީ ކެންޔާ ހައިކޯޓުގެ ނިންމުމަކީ ތާރީޚީ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭގެ ސަބަބުން ކެންޔާގެ ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް ކުރާ އަނިޔާއަށް ހުއްޓުމެއް އައިސް، އަލަށް ވިހާ މައިންނަށް ދޭ ސިއްހީ ފަރުވާއަށް އިސްކަން ދިނުމަށް ކެންޔާގެ ސަރުކާރަށް މަޖުބޫރުވާނެ ކަމަށް އެސެންޓަރުން ބުންޏެވެ.

ކެންޔާގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމާއި، ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއި ސުޕަވައިޒަރުން ނެތުމާއި، ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުގެ ސަބަބުން ވިހެއުމާ ގުޅުންހުރ މައްސަލަތަކުގައި އެގައުމުން ކޮންމެ އަހަރަކުވެސް 8،000 އެއްހާ އަންހެނުން މަރުވާކަމަށް އދ. އިން ބުނެއެވެ.

(ބީބީސީ)