23 Mar 2018, 14:48
އިރްފާން ޚާންގެ ކުރިއަށް އޮތް ފިލްމު "ބްލެކްމެއިލް"ގައި ހިމެނޭ އައިޓަމް ލަވަ "ބޭވަފާ ބިއުޓީ" އާއެކު ނުވަދިހައިގެ އަހަރުތަކުގެ ކާމިޔާބު ބަތަލާ އުރްމީލާ މަޓޯންޑްކަރް، ބޮޑު ސްކްރީނުން ފެނިލައިފިއެވެ.
އެކްޓިންއާއި ނެށުމުގެ ހުނަރުން ހިތްތައް އަތުލި "ރަންގީލާ"ގެ ބަތަލާ ބޮޑު ސްކްރީނުން ފެނިގެން މިދިޔައީ 10 އަހަރު ފަހުންނެވެ.
އެހާ ދުވަހަށް ފަހު އުރްމީލާ ފެނުމުން ގިނަ ބަޔަކު ތިބީ ވަރަށް އުފަލުންނެވެ. އަދި އެ ލަވަ ވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
"ބޭވަފާ ބިއުޓީ"ގެ ޅެން ހަދައިފައި ވަނީ އަމީތާބް ބަޓަޗާރިއާއެވެ. އަމިތު ތުރިވޭދީ މިއުޒިކް ކޮމްޕޯޒް ކޮށްފައިވާ އެ ލަވަ ކިޔައިދީފައި ވަނީ ޕައުނީ ޕާންޑޭއެވެ.
"ބްލެކްމެއިލް"ގައި އިރުފާން ޚާންގެ އިތުރުން ދެން ފެނިގެން ދާނީ ކިރްތީ ކުޅާރީ، ދިވްޔާ ދައްތާ، އަރުނޯދޭ ސިންހް، އޮމީ ވައިދްޔާ އަދި ގަޖްރާޖް ރާއޯއެވެ.
ފިލްމުގައި ފެނިގެން ދާނީ ފިރިމީހާއަށް ބޭވަފާތެރިވާ އަންހެނެއްގެ ކިބައިން ބަދަލުހިފުމަށް ފިރިމީހާ ކުރާ މަސައްކަތެވެ.
"ޑެލީ ބެލީ" ގެ ޑައިރެކްޓަރު އަބިނޭ ޑިއޯ ޑައިރެކްޓުކޮށްފައިވާ އެ ކޮމެޑީ ސިނަމާތަކަށް އަންނާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.