23 Mar 2018, 11:11
އެމެރިކާއާއި ޗައިނާއިން ވިޔަފަރީގެ "ހަނގުރާމައެއް" އިއުލާނުކޮށްފިއެވެ.
އެމެރިކާއިން އިއްޔެ ވަނީ ޗައިނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، އެގައުމުގެ މުދާތަކަށް ނަގާ ޓެރިފް ބޮޑުކުރާނެކަމުގެ އިންޒާރު ދީފައެވެ. އެއާ އެކު ޗައިނާއިންވެސް ވަނީ ބަދަލުގައި، އެމެރިކާއަށް އެފަދަ އިންޒާރުތަކެއް މިއަދު ދީފައެވެ.
އެމެރިކާއިން ނިންމީ އެގައުމަށް ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް 25 ޕަސަންޓާ ހަމައަށް (ގާތްގަނޑަކަށް 60 ބިލިޔަން ޑޮލަރާ ހަމައަށް) ޓެރިފް ބޮޑުކުރުމަށެވެ. އަދި ޗައިނާގައި އެމެރިކާއިން ކުރާ އިންވެސްޓްމެންޓްތައް ލިމިޓުކުރުމަށް އެގައުމުގެ ރައީސް ޑޮލަންޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ.
ޓެރިފް ބޮޑުކުރާ ތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާއިރު އެ ލިސްޓުުގައި ހާހަކަށް ވުރެ ގިނަ އައިޓަމް ހިމެނެއެވެ. ނަމަވެސް ވައިޓްހައުސްއިން ބުނީ އެ ލިސްޓު ފައިނަލް ކުރާނީ އެމެރިކާގެ ވިޔަފާރިވެރިންގެ ޚިޔާލުވެސް ހޯދުމަށްފަހު ކަމަށެވެ.
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމި އިރު ޗައިނާއިން ބުނީ ވިޔަފާރީގެ "ހަނގުރާމަ"ގައި އެމެރިކާއަށް ދޫ ދޭން ބޭނުން ނުވާ ކަމަށެވެ.
އެމެރިކާގެ މި ނިންމުމާ އެކު ޗައިނާއިން މިއަދު ވަނީ، އެގައުމާ އެކު އެމެރިކާއިން ކުރާ ގާތްގަނޑަކަށް ތިން ބިލިޔަން ޑޮލަރުގެ ވިޔަފާރިއަށް ޓެރިފް ބޮޑުކުރަން ވިސްނަމުންދާކަމަށް ބުނެފައެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ މަޝްވަރާކުރުމަށް ފުރަތަމަ ބޭނުން ކަމަށާއި، ހައްލަކާ ހަމައަށް ނުދެވިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެ ނަމަ ޗައިނާއިން ބުނީ އެމެރިކާއިން އެގައުމަށް އެތެރެކުރާ، އެއް ބިލިޔަން ޑޮލަރަށް އަގުކުރެވޭ 120 މުދަލަކަށް 15 ޕަސަންޓުގެ ޓެރިފްއެއް ލާނެ ކަމަށެވެ. އޭގެ ތެރޭގައި ތާޒާ މޭވާއާއި ބަދަން ހިމެނެއެވެ.
އަދި އެމެރިކާއިން އަޅާ ޓެރިފްތައް ރިވިއުކުރުމަށްފަހު، އެގައުމުން ޗައިނާއަށް އިމްޕޯޓުކުރާ ދަގަނޑު ފަދަ ބާވަތްތައް ހިމެނޭ ގޮތަށް އަށް މުދަލަކަށް 25 ޕަސަންޓުގެ ޓެރިފްއެއް ލާނެކަމަށް ޗައިނާއިން ބުންޏެވެ. އެއީ ގާތްގަނޑަކަށް ދެ ބިލިޔަން ޑޮލަރުގެ ވިޔަފާރިއެކެވެ.
އެމެރިކާއިން ބުނީ ޗައިނާއިން ވިޔަފާރީގެ ދާއިރާގައި ބޭއިންސާފު ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާގައި ބޭރު ކުންފުނިތަކުގެ އޯނަރޝިޕަށް ދަތިކުރުމާއި، ފިކުރީ މުދާ ވަގަށް ނެގުމާއި، ސައިބަރ އެޓޭކް ކުރުމަށް ޗައިނާއިން ތަރުހީބުދޭ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. މިކަންކަމަކީ ވައިޓްހައުސްއިން ކުރި ރިވިއުއެއްގެ ހޯދުންތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ.
ޗައިނާއާ ބެހޭގޮތުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ޝަކުވާތަކެއްވެސް ހުށަހަޅުއްވަން ރައީސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ.
ޓްރަމްޕުގެ ނިންމެވުމާއެކު އިއްޔެ ވަނީ އެމެރިކާގެ ހިއްސާގެ ބާޒާރަށްވެސް ބަދަލުތައް އަންނަން ފަށައިފައެވެ.