23 Mar 2018, 10:09
ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އަލަށް ވާދަކުރާ ކްލަބު ވެމްކޯއިން އިމިގްރޭޝަންސް ބަލިކުރިއިރު ޕްރިޒަން ރެކްރިއޭޝަން ކްލަބުން އެލައިޑް އިންޝުއަރަންސް ހިފަހައްޓައިފިއެވެ.
ރޭ ކުޅުނު ގްރޫޕް ޖީގެ މެޗުގައި ވެމްކޯއިން އިމިގްރޭޝަން ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް އިމިގްރޭޝަންގެ އިބްރާހީމް ޝަފީގަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އިމިގްރޭޝަނުން ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި ވެމްކޯއަށް މެޗުގެ ލީޑު ނަގައިދިނީ އަލީ ހާފިޒް (ހާއްޕެ)އެވެ.
ދެވަނަ ހާފްގެ 33 ވަނަ މިނެޓުގައި ހާއްޕެ އޭނާގެ ދެވަނަ ގޯލް ވެމްކޯއަށް ކާމިޔާބުކޮށްދިނީ އިމިގްރޭޝަނުން ޕަވާ ޕްލޭގެ ބޭނުންކުރި ދަނޑިވަޅުގައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެމްކޯގެ ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޖުނާހެވެ.
ރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި ޕްރިޒަންއާއި އެލައިޑް ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އައިރޫން އަހުމަދު ރަޝީދު ޖެހި ގޯލާއެކު އެލައިޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފް ނިމެންދަނިކޮށް ޕްރިޒަންގެ މޫސާ ހަސަންފުޅު ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެވަނަ ހާފަށް ނުކުމެ މެޗުގެ 23 ވަނަ މިނެޓުގައި އެލައިޑުން ވަނީ އަނެއްކާވެސް ލީޑު ނަގައިފައެވެ. އެ ގޯލް އެލައިޑަށް ކާމިޔާބުކޮށްދިނީ އަލީ ލިރުއާމް (ލިރޫ)އެވެ.
އެލައިޑުން މެޗު ކާމިޔާބުކުރަން ދިޔަ ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ޕްރިޒަންގެ އިސްމާއީލް ޒަރީރު (ޒެޑޭ) ޖެހި ގޯލުން އެޓީމުވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު އޮންނަ މެޗުތައް:
20:15 ސިވިލް ކޯޓު - މީޑިއާ ނެޓް
20:15 ކްލަބު އެޗްޑީސީ - އިސްލާމިކް އެފެއާޒް
21:30 އެމްޕީއެލް - ތިލަފުށީ ކޯޕަރޭޝަން
21:30 ޔުނައިޓެޑް ބީއެމްއެލް - ޔެސް ޓީވީ