26 Aug 2011, 23:41
މާލޭ ހުޅަގު ދެނުކުފަރާތު، ޓީ - ޖެޓީ ގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހެއްގެ ތިޖޫރިއެއް ފަޅާލައި 30،000 ވުރެ ގިނަ ރުފިޔާ މިއަދު ވަގަށް ނަގައިފި އެވެ.
އާންމުކޮށް 24 ގަޑިއިރު ހުޅުވިފައި ހުންނަ ޓީ - ޖެޓީގެ އޮފީހުގެ ތިޖޫރީ ފަޅާލީ މިއަދު ހުކުރު ނަމާދަށް ބަންދު ކުރި ވަގުތު އެވެ. ފުލުހުން ވަނީ އެކަން ސަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ކޮންޓެއިނަރެއްގައި ހަދާފައިވާ އެ އޮފީހުގެ މުވައްޒަފަކު މިއަދު ވިދާޅުވީ އެތަނުގެ ތިޖޫރީ ފަޅާލައި 30،000ރ. ވަގަށް ނެގިއިރު، އޮފީހުގެ އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެ މީހުން އޮފީހަށް ވަދެފައި ވަނީ އޮފީހަށް ވަންނަ ދޮރުގެ ތަންޑު ނައްޓާލައިގެން ކަމަށެވެ. އަދި ތިޖޫރީގައި ހުރި ފައިސާ ނަގާފައި ވަނީ އެއްޗަކުން ތަޅައި ތިޖޫރީ ހަލާކުކޮށްލައިގެން ކަމަށް އޭނާ ބުންޏެވެ.
"ބޭރުން ދޮރުގެ ތަންޑު ނައްޓާލައިގެން ވަދެފައި ވަނީ. އެއްޗަކުން ތަޅައި ހަލާކުކޮށްލައިގެން ފައިސާތައް ނަގާފައި ވަނީ،" 15 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ އެ އޮފީހުގެ މީހަކު ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.