23 Mar 2018, 10:06
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަހަރަށް 65.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
އެފްއޭއެމްއިން މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ކަސްޓަމްސް ބިލްޑިންގް ސެމިނާ ރޫމުގައި ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިއަހަރު އެފްއޭއެމްއިން ފާސްކުރި ބަޖެޓަކީ މިދިޔަ އަހަރަށްވުރެ ފަސް މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. މިދިޔަ އަހަރަށް އެފްއޭއެމްއިން ކަނޑައެޅީ 60.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަހަރު އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 62.3 މިލިއަން ރުފިޔާއެވެ. އެއީ ފީފާ، އޭއެފްސީ، ކުޅިވަރާ ބެހޭ ވުޒާރާ، ސްޕޮންސަރުން އަދި އެފްއޭއެމްއަށް އެކި ގޮތްގޮތުން ލިބޭ ފައިސާ ހިމަނައިގެންނެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެފްއޭއެމްއަށް ފީފާއިން އެހީގެ ގޮތުގައި 27.5 މިލިއަން ރުފިޔާ ލިބޭ އިރު، އޭއެފްސީން 3.8 މިލިއަން ރުފިޔާ ލިބެއެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމަށް ލިބެނީ 7.6 މިލިއަން ރުފިޔާއެވެ. ދެން އެފްއޭއެމަށް އެންމެ ބޮޑު ފައިސާގެ އެހީތެރިކަމެއް ލިބެނީ ސްޕޮންސަރުންގެ ފަރާތުންނެވެ. އެއީ 14.9 މިލިއަން ރުފިޔާއެވެ.
އެފްއޭއެމްއަށް ލިބޭ ފައިސާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރުމަށް ނިންމާފައިވަނީ ޓެކްނިކަލް ޑިވެލޮޕްމަންޓަށާއި ޕްރޮޖެކްޓްތަކަށެވެ. ޓެކްނިކަލް ޑިވެލޮޕްމަންޓަށް 14 މިލިއަން ރުފިޔާ ހަރަދުކުރާ އިރު، ޕްރޮޖެކްޓުތަކަށް 11.5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.
އެފްއޭއެމްގެ އިދާރީ ކަންކަމަށާއި މުބާރާތްތަކަށް އަދި ގައުމީ ޓީމުގެ ކަންކަމަށް ވެސް ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އިދާރީ ކަންކަމަށް 10.2 މިލިއަން ރުފިޔާ ހަރަދުކުރާ އިރު، މުބާރާތްތަކަށް 8.8 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ގައުމީ ޓީމުގެ ކަންކަމަށް މިއަހަރު 6.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެފްއޭއެމްގެ ބަޖެޓުގައި ހަރަދުކުރާނެ ދާއިރާތަކުގެ ތެރޭގައި ރެފްރީންނާއި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުން ހިމެނެއެވެ. ރެފްރީންނަށް 3.7 މިލިއަން ރުފިޔާ ހަރަދުކުރާ އިރު، އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް 2.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓްކޮށްފައިވެއެވެ.
ހުރިހާ ހަރަދުތަކެއް ކެނޑުމަށްފަހު، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ބަޖެޓަކީވެސް ދަރަނި ބަޖެޓަކަށް ވެގެންދެއެވެ. މިދިޔަ އަހަރުގެ ބަޖެޓަކީ 1.9 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓަކަށް ވެގެންދިޔަ އިރު، މިއަހަރުގެ ބަޖެޓަކީ 2.9 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.