22 Mar 2018, 22:53
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުންނަށް ހަގީގަތް އޮޅުންފިލުވައިދިނުމަށް ލައްކަ ގިނަ ވާހަކަ ދެއްކިއްޖެ ކަމަށާއި އެދުވަހު ދެއްކި ވާހަކަތަކަކީ ހަގީގަތްކަން މިހާރު ރަޔިތުންނަށް އެނގޭނެ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ތިނަދޫ ރައްޔިތުން އިންތިޒާމްކޮށްގެން މިރޭ ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އިދިކޮޅުން ކުރިއަށް ގެންދިޔަ ކަންތަތައްތަކުގެ ހަގީގީ މައުލޫމާތު ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމަށް ސާބިތުކަމާއި އެކު ހުންނެވި ކަމަށެވެ.
"މިދިޔަ ފަންސާހަކަށް ދުވަހު ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ހަގީގަތް މިހާރު އެނގޭނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޖީން މިހާރު ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަތަކަށް ބަލާއިރު އެ ދުވަހު ޕްރެސް ކޮންފަރެންސް ތަކުގައި އޭނާ ދެއްކެވި ވާހަކައަކީ ހަގީގަތެއްކަން އެނގޭނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމު އެ ނާޒުކު ދަނޑިވަޅުގައި އަމާންކަމުގެ އައްސޭރިއަކަށް ގެންދެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
އަދުރޭ ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ ވާހަކަ، ތިނަދޫ ރައްޔިތުން ބާއްވާ ޖަލްސާއެއްގައި އޭނާ ދެއްކުމަކީ "ބަސަރާއަށް ކަދުރު ވިއްކުން" ފަދަ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ކުރިއަށް އޮތް ދައުރަށްވެސް އިންތިހާބު ކުރަންޖެހެނީ އެމަނިކުފާނު ގައުމަށް ގެނެސްދެއްވި ތަރައްގީގެ ހައްގުގައި ކަމަށެވެ.
އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަދުރޭ ވަނީ ޕީޕީއެމް އޮފީހުގައި ކޮންމެ ދުވަހަކުވެސް އެތައް އިރެއް ވަންދެން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.