22 Mar 2018, 22:26
ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރުމާ އެކު މަގާމުން ވަގުތުން އިސްތިއުފާ ނުދެއްވީ އެކަމާ މެދު ވިސްނުމަށް ވަގުތުކޮޅެއް ނެގުމަށްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ފުރަތަމަ ހައްޔަރުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަ މަސް ދުވަހު ބަންދުގައި ހުންނެވުމަށްފަހު ފެބްރުއަރީ މަހު ދޫކޮށްލުމަށްފަހު، ތިން ދުވަސް ފަހުން ފާރިސް އަލުން ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ރައީސް މައުމޫން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭއެވެ.
ވީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ދުންޔާ ވިދާޅުވީ، ފާރިސް ހައްޔަރުކުރުމުން ހިތާމަކުރި ކަމަށާއި، މިހާރު ބައްޕާފުޅާއި ޅިޔަނުވެސް ޖަލުގައި ހުންނެވުމަކީ އާއިލާއަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އަޅުގަނޑަށް އިސްތިއުފާ ދީފައި ރާއްޖެއިން ބޭރަށް ވެސް [އެވަގުތު] ދެވިދާނެ. އެކަމަކުވެސް [ގަބޫލުކުރީ] ރާއްޖޭގައި ހުރެގެން އިތުރު މަސައްކަތްތަކެއް ކުރެވިދާނެކަމަށް،"
ދުންޔާ ވިދާޅުވީ އެކަމަނާގެ ބައްޕާފުޅު މައުމޫން ހައްޔަރުކުރުމުން އިސްތިއުފާ ނުދީ ވަގުތުކޮޅެއް ހޭދަކުރެއްވީ "ކުއްލި ޖަޒުބާތެއްގައި އަވަސް ނިންމުމެއް ނިންމަން ބޭނުން ނުވުމުން" ކަމަށެވެ.
"މުހިންމު ނިންމުންތައް ނިންމާއިރު ވިސްނާލަން ފުރުސަތު ބޭނުންވޭ. އެނގޭ އޭރުވެސް އިތުރު ފާޑުކިޔުންތަކެއް އަންނާނެކަން،" ދުންޔާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވީ 27 ފެބްރުއަރީ 2018 ގައެވެ.
ދުންޔާ ވިދާޅުވީ އެ ހާލަތުގައި އިސްތިއުފާ ނުދެއްވައި ފުރަތަމަ ޗުއްޓީއަކަށް ވަޑައިގެންނެވި ނަމަވެސް، މަސްރަހު ފިނިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
"އަޅުގަނޑަކީ ކުރާ ހުރިހާ މަސައްކަތެއް ހާމަކުރަމުން ދާންޖެހޭކަމަށް ގަބޫލުކުރާ މީހެއް ނޫން. ޑިޕްލޮމަސީގައި ވަރަށް މުހިންމު ބައެއް، ވަކިވަކިން ބާއްވާ މަޝްވަރާތަކަކީ. އަޅުގަނޑު މަސައްކަތްތަކެއް ކުރިން. އެދެވޭ ނަތީޖާއަކާ ހިސާބަށް އަޅުގަނޑަށް ނުދެވުން،" ދުންޔާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރުގެ މަގާމުގައި ދުންޔާ ހޭދަކުރެއްވި އެންމެ ފަހު ދުވަސްތަކަކީ ޕީޕީއެމްގެ ތެރޭގައި، ބައްޕާފުޅު ރައީސް މައުމޫނާއި، ބޮޑުބޭބޭފުޅު ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅުނު ދުވަސްވަރެވެ.
ދުންޔާ ވިދާޅުވީ އޭރުވެސް ދެބޭފުޅުންގެ ދެމެދުގައި މަޝްވަރާ ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އެ ސަބަބާވެސް ހުރެ ކަމަށެވެ.
ބައްޕާފުޅާ އެކު އިދިކޮޅުގައި މަސައްކަތް ކުރުމުގައި ދުވަސްކޮޅެއް ހޭދަކުރެއްވި ނަމަވެސް އެނބުރި ސަރުކާރަށް ވަޑައިގަތީ ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރުމަށް ކަމަށް ދުންޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ މަގާމެއް އޮވެގެން އަޅުގަނޑަށް ޗެނަލްއެއް ލިބޭނީ އިސް ފަރާތްތަކާ އެކު މަޝްވަރާކުރަން،"
އެގޮތުން، ދަށް މަގާމަކަށް ވަޑައިގަތީ މަގާމު މުހިންމުވެގެން ނޫން ކަމަށާއި، ރައީސް ޔާމީން ދެއްވި ފުރުސަތުގައި ޕްރޮފެޝަނަލް އަދި ޓެކްނިކަލް މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށް ދުންޔާ ވިދާޅުވިއެވެ.
"ފުރަތަމަ ފަހަރަށް އެމްބީބީއެސް ޑޮކްޓަރުން ތަމްރީނުކުރަން މެޑިކަލް ސްކޫލެއް އުފެއްދުމުގެ މަސައްކަތް [ކުރިން]. އަޅުގަނޑަށް އެނގޭ ރައީސް ޔާމީން އަޅުގަނޑަށް އިތުބާރު ކުރައްވާކަން، އަދި ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ނެރެދޭނެކަން އެނގިވަޑައިގަންނަވާނެކަން،" ދުންޔާ ވިދާޅުވިއެވެ.