22 Mar 2018, 22:12
އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގާއި އަދި އެނޫންވެސް މައްސަލަތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރިން ހައްޔަރުކޮށް ފަހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކުރި ހުރިހާ ބޭފުޅުން މާފުށި ޖަލަށް ބަދަލުކޮށްފިއެވެ.
ބުދަ ދުވަހު އަދި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ބަންދުގެ މުއްދަތުގެ މަޖިލީސްތަކުގައި ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖެހި ހުރިހާ ބޭފުޅުން ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ބޭފުޅުންގެ ލިސްޓްގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމަނިކުފާނުގެ ދޮށީ ދަރިލަކުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ކުރީގެ ސީޕީ އަހްމަދު އަރީފް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު، އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ގާސިމް އިބްރާހީމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމްވެސް ވަނީ މާފުށި ޖަލަށް ބަދަލުކޮށްފައެވެ.
މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ތިއްބެވި ބޭފުޅުންނަށްވަނީ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.