މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގެ ފުރަތަމަ ލެގުގައި މަނަދޫ ބަލިކޮށް، މާޅެންދޫން ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފިއެވެ.

މަނަދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޅެންދޫން މަނަދޫގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

ނ. އަތޮޅު ބުރުގައި ހަމައެކަނި މަނަދުއާ މާޅެންދޫ ބައިވެރިވެފައިވާތީ، އެ ބުރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށްފަހު ކުރީގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި މަނަދުއަށް ލީޑު ހޯދައިދިނީ އާޒިމް މުހައްމަދެވެ. މެޗުގެ 34 ވަނަ މިނެޓުގައި މަނަދުއަށް މުހައްމަދު މާނިއު ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އިބްރާހިމް ނިޔާޒު ވަނީ މާޅެންދުއަށް އަލުން ލީޑު ހޯދައިދީފައެވެ.

މެޗުގެ 73 ވަނަ މިނެޓުގައި މަނަދުއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ރައުފަތު އަބޫބަކުރެވެ. މަނަދޫން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓުތެރޭ މާޅެންދުއަށް އަނެއްކާވެސް ލީޑު ހޯދައިދިނީ މުހައްމަދު ފައިސަލްއެވެ.

އަމިއްލަ ރަށުގައި މަނަދުއާ ދެކޮޅަށް މާޅެންދޫ ނުކުންނަ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ މެޗުން މާޅެންދޫ މޮޅުވެ ނުވަތަ އެއްވަރުވިޔަސް، އެޓީމަށް ނ. އަތޮޅު ޗެމްޕިއަންކަން ލިބޭނެއެވެ.