ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީވުމުގެ ގޮތުން ކްލިނިކެއް ހުޅުވަން އައިޖީއެމްއެޗުން ނިންމައިފިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ގޮތުން އެހީވުމަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓްގެ ހެޑް ޑރ. މޫސާ ހުސެއިން ވިދާޅުވީ ވަރަށް އަވަަހަށް އައިޖީއެމްއެޗުގައި ކްލިނިކެއް ހުޅުވާނެކަމަށެވެ.

ތިން ދުވަހަށް އައިޖީއެމްއެޗްގައި ބޭއްވި ޓްރެއިނިންގައި، އައިޖީއެމްގައި މަސައްކަތްކުރައްވާ ނަރުހުންނަށާއި ޑޮކްޓަރުންނަށް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން ޓްރެއިނިން ދީފައެވެ.

އެ ޓްރެއިނިން ޕްރޮގްރާމްގައި ވަނީ 34 ބައިވެރިއަކު ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވުމުގެ ގޮތުން ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށް ބޭއްވި ވާކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އައިޖީއެމްއެޗް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑައިރެކްޓަރު އަލީ ނިޒާމް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީތެރިވުމަށް އައިޖީއެމްއެޗުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ވަރަށް ގިނައިން ސުވާލުކުރާ ކަމަށެވެ.

އަދި އެކަން އައިޖީއެމްއެޗުން ފަށަން ތައްޔާރުވަމުންދާއިރު އަދިވެސް ދިވެހިންގެ ވިސްނުމުގައި ހުރީ ބޭސްކައިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކައުންސިލިން ދީގެންވެސް ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.