22 Mar 2018, 18:42
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓްގެ ދަށުން ފުލުހުންނަށް 300 ފްލެޓް ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
އިއްޔެ އިސްކަންދަރު ކޮށީގައި ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވައި އަޒްލީން ވިދާޅުވީ، ފުލުހުންގެ ވެލްފެއާ ކަންކަމާއި ފުލުހުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް މިހާރަށް ވުރެ ބޮޑަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން 300 ފްލެޓް ފުލުހުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.
" ފުލުހުންގެ ވެލްފެއަރ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ފުލުހުންނަށް 300 ފްލެޓް ހަމަޖެހިގެންދާނެ،" އަޒްލީން ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނަށް 300 ފްލެޓް ދޭން ނިންމާފައިވާއިރު ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ބްލޫޒް ހައުސިންގ ސްކީމުގެދަށުން ދޭން ނިންމާފައިވާ 300 ފްލެޓްގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ.