22 Mar 2018, 20:10
ރަމަޟާން މަހަށް ގޭތެރޭގެ އާބާތުރަ ފިލުވައި، ހިފައި ގެންގުޅޭ ސާމާނާއި ބަދިގޭގައި ހުންނަ ތަކެތި އާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވެސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަށައިފިއެވެ.
މިއަދު ލިޓަސް ހޯމް ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއައިބީގެ ސީއޯއޯ ވިދާޅުވީ މިފަހަރުގެ ޕްރޮމޯޝަނުގައި 250،000 ރުފިޔާއާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ފައިސާ ދެއްކުމުގެ މުއްދަތު މިހަފަރު ވަނީ 36 މަހަށް (ތިން އަހަރަށް) އިތުރުކޮށްފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރޯދަ ޕްރޮމޯޝަން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަންނަ މެއި މަހުގެ 17 އާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފައިނޭންޝަލް ފެސިލިޓީ މެދުވެރިކޮށް ފަރުނީޗަރާއި ޓީވީ، ބަދިގޭގެ ސާމާނު، މޮބައިލްފޯނު އަދި ރެފްރިޖަރޭޓަރާއި ކޮމްޕިއުޓާ ސިސްޓަމްވެސް ގަނެވޭނެއެވެ.
ޕްރޮމޯޝަންގެ ދަށުން މުދާ ދޫކުރުމުގައި އެމީހަކަށް ލިބޭ މުސާރައަށް ބަލާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ފޯމު ފުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ވަޒީފާ އަދާކުރާ ފަރާތުގެ ސިޓީއަކާއި، ފާއިތުވި ހަ މަސް ދުވަހުގެ މުސާރަ ސްލިޕާއި ބޭންކް ސްޓޭޓްމަންޓްގެ އިތުރުން މުދާ ނަގާ ކުންފުނީގެ ކޯޓޭޝަނަކާއި ގެރެންޓީ ދޭނެ ފަރާތެއްގެ މައުލޫމާތު ހުށަހަޅަން ޖެހެއެވެ.
އެއް ފޯމާއެކު އެކި ފިހާރަތަކުންވެސް ކޯޓޭޝަން ހުށަހެޅޭނެއެވެ. ކޮންމެ ފޯމަކާއެކު ގިނަވެގެން ތިން ކޯޓޭޝަން ހުށަހެޅޭނެއެވެ.
ޕްރޮމޯޝަންގެ ދަށުން ކޮންމެ ފޯމަކާ އެކު ގިނަވެގެން ތިން ކޯޓޭޝަން ހުށަހެޅޭ އިރު، ނަގާ މުދަލުގެ ޖުމްލަ އަގު 60،000 ރުފިޔާ އަށްވުރެ މަތިވާ ނަމަ، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އަގުގެ ފަސް ޕަސެންޓު ދައްކަން ޖެހޭނެއެވެ.