ދިއްލީ(މާޗް 22): އިންޑިއާގައި ގެރި މަސް ވިއްކި މީހަކު މަރާލި މައްސަލައިގައި 11 މީހަކު އުމުރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރު 55 އަހަރުގެ އަލިމުއްދީން އަންސާރީ މަރާލި މައްސަލައިގައި 12 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަކީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމުން، އޭނާއަށް ހުކުމް ކުރުން ވަނީ ލަސްކޮށްފައެވެ.

އަންސާރީގެ ދަރިފުޅު، ޝަބްހާން އަންސާރީ ވަނީ ކޯޓުގެ ނިންމުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް އެއާއިލާއަށް މަރުގެ ބަދަލު ސަރުކާރުން ދީފައި ނުވާ ކަމަށް ބުނެފައެވެ.

ހިންދޫ ދީނުގައި މާތް އެއްޗެއް ކަމަށް ދެކޭ ގެރި ކަތިލުމަކީ އިންޑިއާގެ ގިނަ ސްޓޭޓުތަކުގައި މަނާ ކަމެކެވެ. އަދި އެގައުމުގެ ބައެއް ސްޓޭޓުތަކުގައި ގެރި ރައްކާތެރި ކުރުމަށް ކަމަށް ބުނާ ގުރޫޕުތައް ވެސް ހަރަކާތްތެރިވެއެވެ. އެގުރޫޕުތަކުން ގެރި ނުވަތަ ގެރީގެ ބާވަތްތައް ގެންދޭތޯ ބަލަން އެސްޓޭޓުތަކުގެ އުޅަނދުތައް ފާސްކޮށް، ގެރީގެ ވިޔަފާރި ކުރާ މީހުންނަށް އަނިޔާ ކުރެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަންސާރީ މަރާލީ އޭނާގެ ވޭނުގައި ގެރި މަސް ހުރި ކަމަށް ބުނެއެވެ. އަދި އޭނާއަށް ހަމަލާ ދިން ގުރޫޕުން ވަނީ އެވޭނުގައި ރޯކުރުމަށް ފަހު އަންސާރީއަށް ހަމަލާދީ މަރާލާފައެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެމައްސަލައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. (ބީބީސީ)