26 Aug 2011, 16:26
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 62،500ރ.ގެ މުސާރައިގެ އިތުރުން އަލަށް ހަމަޖެއްސި 20000ރ.ގެ އެލަވަންސް ބޭނުން ނޫން ކަމަށް ވިދާޅުވެ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 20،000ރ.ގެ ކޮމެޓީ އެލަވަންސް ބަހާނެ ގޮތެއް މާލިއްޔަތު ކޮމެޓީން ކަނޑައެޅި ދުވަހު ނަޝީދު ވަނީ އެ އެލަވަންސް ބޭނުންފުޅު ނޫން ކަމަށާއި މުސާރަ ޖަމާ ކުރާ އިރު އެ ފައިސާ އޭނާ އެކައުންޓަށް ޖަމާ ނުކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމައިފައި ވަނީ މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މެންބަރަކަށް ގަނޑުކޮށް 140،000ރ. ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ވަނީ އަންގަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ހަތް މަހުގެ އެލަވަންސް އެއްފަހަރާ ދިނުމަށް ފަހު 20،000ރ.ގެ ކޮމެޓީ އެލަވަންސް ބެހުމަށް ކަނޑައަޅާފައި ވަނީ، ކޮމެޓީތަކަށް މެންބަރުން ވަޑައިގަންނަވާ ގޮތެއްގެ މަތީންނެވެ.
އެގޮތުން 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މަހަކު 10000ރ. ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އަދި 20،000ރ.ގެ އެލަވަންސް އެއްކޮށް ލިބިވަޑައިގަންނަވާނީ، ކޮމެޓީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނިސްބަތް 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށް ކަމަށެވެ.
މެންބަރުން ރަސްމީ ދަތުރުފުޅުތަކުގައި އުޅުއްވާ އިރު ގައާއި މަޖިލީސް ރިސެސް]ޗުއްޓީ[ގައި އޮންނަ މުއްދަތުގެ ތެރޭގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ. ނަމަވެސް ދައުރު ތެރޭގައި މެބްބަރުން ނަންގަވާ ޗުއްޓީ އާއި ސަލާމްގައި މެންބަރުން ތިއްބަވާ އިރު ކޮމެޓީ އެލަވަންސް ނުލިބޭނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
ކޯރަމް ހަމަނުވާ ޖަލްސާތަކަށް ވަޑައިގަންނާ މެންބަރުންނަށް ކޮމެޓީ އެލަވަންސް ލިބޭނެ ކަމަށް މަޖިލީހުން ބުންޏެވެ.
މެންބަރުންގެ ހަތް މަހުގެ އެލަވަންސް ދިނުމަށް 10.7 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.